ރޯދަމަހަކީ ސިއްހީ ގޮތުން އަހަރުމެންގެ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނަ މަހެކެވެ. ދުވާލު ހައިބަނޑާ ހުންނަން ޖެހުމުން ހަށިގަނޑުގެ ހަޖަމު ކުރުމުގެ ނިޒާމު މުޅިންހެން ބަދަލުވާ މަހެކެވެ.

މިހެން ވީއިރު ރޯދަމަހު ދުވާލު ކަރުހިއްކުމާއި ވަރު ދެރަވުމަކީ ވުން ގާތް ކަމެކެވެ. އެގޮތުން ރޯދައަށް ހުންނަ އިރު ކަރުހިއްކާ ވަރުދެރަވާ ނަމަ އަންނަނިވި ކަންތެއްތައް ކުރުން ރަނގަޅުވާނެ އެވެ.

ރޭގަނޑު މަދުވެގެން އަށްތަށި ފެން ބުއިން

ދުވާލު ގަޑީގައި ރޯދައަށް ހުރުމަށް ތައްޔާރުވުމަށްޓަކައި ރޭގަނޑު ގަޑީގައި ވީހާ ވެސް ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ފެންފުޅިއެއް ކައިރީގައި ބަހައްޓައިގެން ކޮންމެ ގަޑިއިރަކު އެއްތަށި ބޮވޭތޯ ބަލާށެވެ.

ބޭނުންކުރާ އަންނައުނު ބަދަލު ކުރުން

ގަބޫލު ކުރަން ދަތިވިޔަސް ދުވާލު ބޭނުންކުރެވޭ އަންނައުނުގެ ގޮތުން ވެސް ކަރުހިއްކުން އިތުރުވެ އެވެ. އެގޮތުން ލާ އަންނައުނުގެ ކުލައާއި ފޮތީގެ އިތުރުން ބޯމިނަކީ ވެސް ކަރުހިއްކުމަށް އަސަރުކުރުވާ ކަންކަމެވެ. ގިނައިރު ގޭތެރޭގައި އުޅޭނަމަ ތުނި، މަޑު ކުލަކުލައިގެ އަންނައުނު ބޭނުންކުރާށެވެ. އަދި އަވީގައި އުޅެން ޖެހޭނަމަ ބޯ، ގަދަ ކުލަތައް ބޭނުން ކުރާށެވެ. ނަމަވެސް ކަޅު ކުލަ ބޭނުންކުރުމުން ދުރުވާށެވެ.

ފިނިފެނުން ފެންވެރުން

ރޯދަމަހު ހުން އައުމާއި ތުންފަތް ހިކުމާއި ހަންގަނޑު ކުރަކިވުމަކީ ވަރުދެރަވުމުގެ އަލާމާތްތަކެވެ. މިއިން ކަމެއް ފާހަގަ ކުރެވޭނަމަ ދުވާލަކު ދެ ފަހަރު 5 މިނެޓާއި 10 މިނެޓާއި ދޭތެރޭގެ ވަގުތުކޮޅަކަށް ފިނިފެނުން ފެންވަރާލާށެވެ.

ރޯދަމަހު ރަނގަޅު ސިއްހަތެއްގައި ހުރުމަށް އަމިއްލަ ހަށިގަނޑަށް ރަނގަޅަށް ބަލަން ޖެހެ އެވެ. އެހެން ނޫންނަމަ ވަރުދެރަވެ ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.