އުތުރު އެމެރިކާގެ ތިން ގައުމުކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިނުވާނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔަމާލީ ވިދާޅުވެއްޖެ އެވެ.

މިއީ ފުޓްބޯޅައިގެ ތާރީހުގައި ދުނިޔޭގެ މިފަދަ ބޮޑު ކުޅިވަރު މުބާރާތަކުން ގައުމަކުން ވަކިވާން ނިންމި ފުރަތަމަ ފަހަރެވެ.

އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މުޅި ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، އެމެރިކާގައި ބާއްވާ މުބާރާތެއްގައި އީރާނަށް ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ހަމަލާއާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް އަދިވެސް ހައްލެއް ލިބޭނެ ކަމުގެ ނިޝާނެއް ނުފެންނައިރު، އީރާނުން ވަނީ ރަސްމީކޮށް މުބާރާތުން ވަކިވިކަން އަންގާފަ އެވެ.

އީރާނުގެ މި ނިންމުމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން މިހާރު ދަނީ އީރާނުގެ ބަދަލުގައި އެހެން ގައުމަކަށް ފުރުސަތު ދިނުމަށް ތައްޔާރުވަމުންނެވެ.

އީރާނުގެ ފުރަތަމަ މެޗު ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލެސްގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައިވަނީ އީރާނަށް އެމެރިކާގައި މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ.

ފީފާގެ ވޯލްޑް ކަޕް ގަވާއިދުގެ ހަވަނަ މާއްދާ ބުނާގޮތުން، ޓީމަކުން މުބާރާތުން ވަކިވެއްޖެ ނަމަ އެ ޓީމެއްގެ ބަދަލުގައި ބައިވެރިކުރާނެ ގައުމެއް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ފީފާއަށް ލިބިގެންވެ އެވެ. ފީފާގެ ކުރީގެ ރެގިއުލޭޓަރީ ޑިރެކްޓަރު ޖޭމްސް ކިޗިންގް ވިދާޅުވި ގޮތުގައި، މިފަދަ ހާލަތެއްގައި އީރާނުގެ ބަދަލުގައި އޭޝިއާ ސަރަހައްދުގެ ގައުމެއް ނޫން ގައުމަކަށް ވެސް ފުރުސަތު ދިނުމުގެ ބާރު ފީފާއަށް އޮންނާނެ އެވެ.

އީރާނުގެ ބަދަލުގައި މުބާރާތަށް އަތުވެދާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި އިރާގާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެ އެވެ. ނަމަވެސް މެދުއިރުމަތީގައި ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތަކުގެ ސަބަބުން އިރާގު ޓީމަށް މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަކޮންޓިނެންޓަލް ޕްލޭއޮފް މެޗުތަކަށް ދިއުމުގައި ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

އީރާނަކީ އޭޝިއާގެ ކޮލިފައިން ގްރޫޕް އޭގެ އެއްވަނަ ހޯދައިގެން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ގައުމެކެވެ. މި މައްސަލައިގައި ފީފާއިން އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިކަމާ މެދު ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވެ އެވެ.