މިއަހަރުގެ ޝައްވާލު މަހުގެ ހަނދު، ސައުދީ އަރަބިއްޔާއަށާއި އެހެން އެއްވެސް އިސްލާމީ ގައުމަކަށް މިއަދު އިރުއޮއްސުނުއިރު ނުފެންނާތީ ރާއްޖެއަށް ވެސް ހަނދު ނުފެންނަ ކަމަށް ސަރުކާރުން އިއުލާންކޮށްފި އެވެ.

ސައުދީ އަރަބިއްޔާއަށް މިރޭ ހަނދު ނުފެންނާތީ މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ 30 ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަންނަ ހުކުރު ދުވަހަކީ މިއަަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައި، އިއުލާންކުުރީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމިކް މިނިސްޓްރީން ނެރުއްވި ހަނދާ ބެހޭ ބަޔާނުގަ އެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލު މަހުގެ ހަނދު ނުފެންނަ ކަމަށެވެ. އަދި އިސްލާމީ ގައުމުތަކަށް ވެސް ޝައްވާލުމަހުގެ ހަނދު ނުފެންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެހެން ކަމުން މާޗު 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި އަދި އެ ދުވަހަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވި ބަޔާނުގައި ބުންޏެވެ.

ހަނދު ބެލުމުގެ ކަންކަން އެހެން އަހަރުތަކުގައި ވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދު ބެލުމަށް ދިޔުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަހަރު ވެސް ހަމަޖެއްސި އެވެ. އެގޮތުން ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައި އަދި އަތޮޅުތެރޭގެ ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ހެކިބަސްދޭން އޮތީ ހަމަޖައްސާފަ އެވެ.

ރަމަޟާން މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ހަނދުބެލުމަކީ ވެސް އިސްލާމީ ގައުމުތަކުގައި ކޮންމެ އަހަރަކު ވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. ކޮންމެ ހަނދުމަހެއްގެ ވެސް ދިގުމިނަކީ ކުރުވެގެން 29 ދުވަސް އަދި ދިގުވެގެން 30 ދުވަހެވެ.

މި ޒަމާނުގައި ރާއްޖޭގައި ވެސް އަދި އިސްލާމީ ބޮޑެތި އެހެން ގައުމުތަކުގައި ވެސް ހަނދުބެލުމުގައި ބުރަވަނީ އިތުބާރު ހުރި ފަލަކީ ހިސާބަށެވެ. މިހެން ހަދަނީ އަމަލީގޮތުން ހަނދުބަލާއިރު، އުދަރެހުގައި ވިލާ ގިނަނަމަ ހަނދު ހުއްޓަސް ހަނދު ފެނުމުގެ ފުރުސަތު ކުޑަވާތީ އެވެ. ނަމާދު ވަގުތު ބެލުމާއި މިނޫން ވެސް ވަރަށް ގިނަ ކަންކަމުގައި އިސްލާމީ ގައުމުތަކުގައި ފަލަކީ ހިސާބަށް ބަރޯސާވެ އެވެ.