އެންތޫރިއަމްއަކީ ވެސް ވައި ސާފުކޮށްދޭ ގަހެއް ކަމަށް ވަނީ ބެލެވިފައި. ވައިގައި ހުންނަ ވިހަ ގޭސްތަކުގެ އިތުރުން ބައެއް ފަންގަސް އަދި ވައިރަހުން ވެސް ސަލާމަތް ކޮށްދޭ. އެއީ ހައްދަން ފަސޭހަ ވެސް ގަހެއް. އޮފީސްތަކުގަ އާއި ރިސެޕްޝަންތަކުގައި އެންތޫރިއަމް ބެހެއްޓުމަކީ ތަނަށް ރީތިކަން ގެނުވަދޭ ކަމެއް. އެ ގަސް ހެދެނީ މަޑުއަވީގައި. އެންތޫރިއަމް ރީތި ނަމަވެސް އެ ގަސް ގެންގުޅުމުގައި ސަމާލްވާން ޖެހޭ ބައެއް ކަންކަން ވޭ.

އާންމުކޮށް ވައި ސާފު ކޮށްދޭ ގަސް ކަމަށް މަޝްހޫރުވެފައި ވަނީ ޕީސްލިލީ، ސްނޭކް ގަސް، މަނީ ޕްލާންޓް އަދި އެރީކާ ފަދަ ގަސް ގަހެވެ އެންތޫރިއަމް އަކީ ވެސް ވައިސާފު ކޮށްދިނުމަށް މުހިންމު ރޯލެއް އަދާކުރާ ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެއްކަން ވަނީ ހޯދިފަ އެވެ. ވީމާ އެންތޫރިއަމް ހުންނަ ގެއެއްގައި ވައިސާފު ކުރުމަށް ހާއްސަ މެޝިނެއް ބޭނުން ނުވެދާނެ އެވެ. އެއީ އެންތޫރިއަމްގެ ސަބަބުން ވައި ސާފު ކޮށްދޭނެތީ އެވެ.

އެންތޫރިއަމްގެ ރީތިކަމާއި ފަރިކަމުގެ ސަބަބުން ބަގީޗާއެއްގައި ބެހެއްޓިފައިވާ ނަމަ އެ ބަގީޗާއަށް އިތުރު ފުރިހަމަކަން ގެނެސްދެ އެވެ. އެއީ ބަލަހައްޓަން ފަސޭހަ ގިނަ ދުވަހަށް އޭގެ މަލާއި ފަތްތަކުގެ ތާޒާކަން ދެމިގެންދާ ގަހެކެވެ.

އެ ގަހުން، ވައިގައި ހިމެނޭ ވިހަ ގޭސްތައް ކަމަށްވާ ފޯމެލްޑިހައިޑް، އެމޯނިއާ، އަދި ޓޮލުއީން ވައިން ބޭރުކޮށް ސާފުކޮށްދެ އެވެ. އަދި ފަރުނީޗަރާއި ކާޕެޓުން އަދި ސާފުކުރަން ގެންގުޅޭ "ލިކުއިޑް" އިން ބޭރުކުރާ ވިހަ މާއްސާތައް ވެސް އިން ސާފުކޮށްދެ އެވެ. އެންތޫރިއަމްގަހުގެ އަނެއް ޚާއްސަ ކަމަކީ ވިހަ ގޭސް ކަމަށްވާ ކާބަންޑައި އޮކްސައިޑް އޮކްސިޖަންއަށް ބަދަލުކޮށް ޖައްވަށް ބޭރު ކުރުމުގެ ކުޅަދާނަކަން ލިބިފައިވުމެވެ. އަދި ވައިގައި ހިމެނޭ ފަންގަސްތަކާއި ވައިރަސްތައް ނައްތާލުމަށް މަސައްކަތް ކޮށްދޭ ކަމެވެ.

އޭގެ އިތުރުން ވައިގެ ތެތްކަން އިތުރު ކޮށްދިނުމަށް އެހީވެދެ އެވެ. ވައިގެ ތެތްކަން އިތުރުވުމުން ނޭވާލާން ފަސޭހަ ވެގެން ދެ އެވެ. މި ހާއްސަ ސިފައިގެ ސަބަބުން އެންތޫރިއަމް ގަހަކީ ބަންދު މާހައުލުތަކުގައި ބަހައްޓަން ވެސް ވަރަށް ރަނގަޅު ގަހެކެވެ. އެއީ ތަނަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދިނުމުގެ އިތުރުން ވައި ސާފު ވެސް ކޮށްދޭތީ އެވެ.

އެންތޫރިއަމް އާންމުކޮށް ހެދެނީ މަޑުއަވި ލިބޭ ދިމާތަކުގަ އެވެ. ގަދަ އަވި ލިބޭނަމަ ގަހުގެ ފަތްތައް އަނދަން ދިމާވެ އެވެ. ވީމާ ގޭތެރެ އަދި އޮފީސް ތެރޭގައި ކުޑަދޮރަކާއި ދިމާލުގައި ބަހައްޓުމުން އެންތޫރިއަމް ރީތިކޮށް ހެދެ އެވެ.

އެންތޫރިއަމް ހައްދަން މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. މާބޮޑަށް އަޅާލާކަށް ވެސް ނުޖެހެ އެވެ. ވެލީގައި އިންދާފައި އޮފީސް ތެރޭގައި ބެހެއްޓުމުން ރީތިކޮށް ހެދެ އެވެ. އެންތޫރިއަމް އިންދާފައި ހުންނަ ޕޮޓަކީ ފެން ހަރުނުލާ ރަނގަޅަށް ވެލިގަނޑުގެ ތެރޭން ފެން ބޭރުވާ އެއްޗަކަށް ވުމުން ފުދެ އެވެ.

އެންތޫރިއަމް ރީތިކޮށް ބެހެއްޓުމަށްޓަކައި ހަމައެކަނި ކުރަންޖެހޭ ކަމަކީ ތެތް ފޮތިކޮޅަކުން އެގަހުގެ ފަތްތައް ރަނގަޅަށް ފޮހެ ލުމެވެ. އެ ގަހުން އެންމެ ރަނގަޅު ގޮތުގައި ވައިސާފު ކުރުމަށްޓަކައި ޕޮޓެއްގައި އެއް ގަހަށް ވުރެ ގިނަ ގަސް އިންދާށެވެ.

ރީތި ނަމަވެސް ސަމާލުވާން ޖެހޭ ގަހެއް

ގަހުގެ ފަރިކަމާއި ނަލަކަމުން އޮފީސްތަކުގަ އާއި ރިސެޕްޝަންތަކުގައި އެންތޫރިއަމް ބެހައްޓާ ނަމަ ވެސް ސަމާލްވާން ޖެހޭ ކަމެއް ވެސްވެ އެވެ. އެއީ އެ ގަހުގެ ރިތިކަމާ އެއްވަރަށް އެއީ ވިހަ ވެސް ގަހެއް ކަމެވެ. އެ ގަހުގައިވާ ވިހަ މާއްދާއަކީ "ކެލްސިއަމް އޮކްސަލޭޓް" އެވެ.

އޮޅިގެން ނަމަވެސް އަނގަޔަށް ލައިފިނަމަ، އަނގައާއި ތުންފަތާ އަދި ކަރުތެރެ ދުޅަވާ ގޮތް ވާން މެދުވެރިވެ އެވެ. ބައެއް ހާލަތްތަކުގައި ނޭވާލާށާއި އަދި ދިރުވަން ވެސް އުނދަގޫވެ އެވެ. މޭ ނުބައި ކުރުމާއި، ހޮޑުލެވުން އަދި ބޭރަށް ހިނގުމަކީ ވެސް އެންތޫރިއަމް ގަހުން އެތިކޮޅެއް ދިރިއްޖެނަމަ، ވެދާނެ ކަންތަކެވެ.

އެންތޫރިއަމް އަކީ ހިތް ކިޔާ ފަދަ ރީތިކަމެއް ލިބިފައިވާ ވަރަށް ފައިދާހުރި ގަހެކެވެ. އެހެންނަމަ ވެސް އެއީ ވިހަ މާއްދާއެއް އެކުލެވޭ ގަހެއް ކަމަށް ވާތީ އަތްލާ ހެދުމުގައި ސަމާލުވުން މުހިންމެވެ.