ރައީސް މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން އެކަހެރިކޮށް، ބާކީކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ އަމިއްލަ ދާއިރާގެ ކެމްޕޭން ހަރަކާތްތައް ދޫކޮށްލުމަށްފަހު ޕީއެންސީގެ ފުވައްމުލަކުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާން ފައްޓަވައިފި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިސް މަގާމެއްގައި ހުންނެވި ނަމަވެސް، އަބްދުއްރަހީމް ސިޔާސީ ގޮތުން ބާކީކޮށްފައި ހުންނަތާ މިހާރު ވަނީ އެތައް މަހެއް ވެފަ އެވެ. ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަސްލު ސަބަބު ސާފުނުވި ނަމަވެސް، ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސީ މުހިންމު ނިންމުންތަކާއި ހަރަކާތްތަކުން އަބްދުއްރަހީމް ވަރަށް ބޮޑަށް އެކަހެރި ކުރައްވާފަ އެވެ. އަދި ޕީއެންސީގެ މަޖްލިސް މެމްބަރުންތައް ވެސް އަބްދުއްރަހީމާ ގުޅުން ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން ބާކީކޮށްލާފައިވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފުވައްމުލަކުގައި ޕީއެންސީގެ ސަޕޯޓަރުންނާއެކު ގެއަކަށް ޒިޔާރަތްކުރަނީ.

މީގެ އިތުރުން ޕީއެންސީން މިފަހުން ބޭއްވި އެއްވެސް ހަރަކާތެއްގައި ޕޯޑިއަމްގައި ވާހަކަދައްކަން އަބްދުއްރަހީމަށް ފުރުސަތު ދީފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި ހުރިހާ ސިޔާސީ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތަން ފެންނަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު (ވަޑި) އެވެ.

ނަމަވެސް، އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީއަށް ތާއީދު ހޯދުމުގެ ގޮތުން އަބްދުއްރަހީމް މިހާރު ގެންދަނީ ފުވައްމުލަކުގައި ހަރަކާތްތެރިވަމުންނެވެ. މިގޮތުން އެ ރަށުގައި ރޭ ބޭއްވި ޖާފަތެއްގައި އަބްދުއްރަހީމް ބައިވެރިވި އެވެ. އަދި ވޯޓު ހޯދަން ވެސް ޕީއެންސީގެ ގޭގެއަށް ވަދެ އުޅޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޕީއެންސީން ފުވައްމުލަކުގައި އަންގާރަ ދުވަހު ދުވަހު ބޭއްވި ޖާފަތެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ބައިވެރިވަނީ.

ޕީއެންސީގެ ސަޕޯޓަރަކު ބުނީ އެ ރަށުގައި ބޭއްވި އެއްވެސް ޖަލްސާއަކަށް އަބްދުއްރަހީމަށް ދައުވަތެއް ނުދޭ ކަމަށެވެ.

"އަބްދުއްރަހީމް މިރަށަށް އަންނަނީ ކޮން ބޭނުމަކު ކަމެއް ނޭނގެ. މިދިޔަ ރޯދަމަހުގެ ފަހުކޮޅު ވެސް މިރަށަށް އައި،" އެ މީހާ ބުންޏެވެ.

އަބްދުއްރަހީމް ނިސްބަތްވާ ލ. އަތޮޅާއި އޭނާގެ އަމިއްލަ ދާއިރާ ކަމަށްވާ ފޮނަދޫ ދޫކޮށް ފުވައްމުލަކުގައި ކެމްޕޭން ކުރަމުންދާއިރު، އޭނާގެ ނުފޫޒުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރި ގިނަ ބަޔަކު ވަނީ ވަޒީފާތަކުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަބްދުއްރަހީމްގެ ދަރި އިބްރާހިމް ފައިސަލް އާއި، އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުރި މުހައްމަދު ވަޖީހު މަގާމުން ވަކިކޮށްފައިވެ އެވެ. ވަޖީހު އަކީ އަބްދުއްރަހީމުގެ އަންހެން ދަރިފުޅުގެ ބަފައިބެ އެވެ.

މި ބަދަލުތަކާއެކު، ރައީސް މުއިއްޒު އޮޅުވާލައިގެން ފޭރިގަތް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އަބްދުއްރަހީމް ސަރުކާރުގެ ތެރޭގައި ބާރު ކެނޑި، ސިޔާސީ ގޮތުން ވަނީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފަ އެވެ.