ދިއްލީ (01 މެއި) - އިންޑިއާގައި ކޮވިޑްގެ ހާލަތު ބޮއްސުންލާފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ހުޅަނގުގެ ސްޓޭޓެއްގެ ހޮސްޕިޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ ހޮސްޕިޓަލުގައި ކޮވިޑް- 19އަށް ފަރުވާ ހޯދަމުން ދިޔަ 18 މީހަކު މަރުވެއްޖެ އެވެ.
މި އަލިފާންގަނޑު ރޯވީ އެ ހޮސްޕިޓަލުގެ އެންމެ ތިރީގައި ހުންނަ ކޮވިޑް-19 އަށް ހާއްސަ ކުރެވިފައިވާ ވޯޑްގަ އެވެ. ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ރޯވި މި އަލިފާންގަނޑު ނިއްވާލެވުނީ އެއްގަޑިއިރުގެ މަސައްކަތުން ކަމަށް އެ ސަރަހައްދުގެ ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ކޮވިޑް އަށް ފަރުވާ ހޯދަމުން ދިޔަ 16 ބަލި މީހުންނާއި އެ ވަގުތު ބަލި މީހުންނަށް އެހީތެރިވުމުގައި އުޅުނު ދެ މުވައްޒަފަކު ވަނީ މަރުވެފަ އެވެ. މީގެ ތެރެއިން 12 މީހުން މަރުވެފައި ވަނީ ދުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުންޏެވެ.
މި އަލިފާންގަނޑު ރޯވާން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާއިރު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އަލިފާން ރޯވީ އޮކްސިޖަން ސިލިންޑަރަކުން ގޭސް ލީކުވެގެން ކަމަށެވެ.
އެ ހޮސްޕިޓަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު އެ ތަނުގައި ތިބި އިތުރު 31 ބަލި މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ބޮޑު ވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.
އިންޑިއާގައި ހުކުރު ދުވަހު އެކަނި ވެސް 400،000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާއިރު މިއީ މިހާތަނަށް ދުނިޔޭގައި ދުވާލެއްގެ މައްޗަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދެވެ. -- ނިއުޔޯކް ޓައިމްސް