އިދިކޮޅު އެމްޑީޕީގެ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯއްދެވިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު މިކަން ހާމަކުރެއްވީ އުފަން ރަށް ޅ. ހިންނަވަރުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މި ވަނީ މިކަމަށް ހައްލެއް ހޯދާފައި. އާންމު މެންބަރު އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑާޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނުއިރު ހޯދިއްޖެ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ލީޑަރުންނަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވި، މިހާރުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އަނެއްކާވެސް މައްސަލަތައް ހޫނުވީ ކުއްލިގޮތަކަށް އެ ޕާޓީގެ ޑެޕިޔުޓީ ޗެއާފާސަން އިބްރާހީމް ވަހީދާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މަގާމުން ވަކިކުރުމުންނެވެ.