އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންގެ ތެރެއިން ޕްރިންސަސް ޑައާނާ އަކީ އާއްމުންގެ ތެރޭގައި އެންމެ މަޤުބޫލު ޝަހްސިއްޔަތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ޑައާނާ އަވަހާރަވުމަށްފަހު 24 އަހަރު ވެފައިވާއިރު އެކަމަނާގެ ދަނބިދަރިކަނބަލުން ކޭޓް ގެ ފަރާތުން ޑައާނާ އާ އެއްގޮތް ކަންތައްތަކެއް ފެންނަކަމީ ޑައާނާ އަށް ތާއީދު ކުރާ މީހުން އަބަދުވެސް ފާހަގަކުރާ ކަމެކެވެ. އެގޮތުން ޑަޔާނާ އާއި ކޭޓް މިޑްލްޓަންގެ ބައެއް އެއްގޮތް ކަންތައްތަކަށް މި ލިޔުމުގައި އަލިއަޅުވާލާ ނަމެވެ.

ހެދުން އެޅުން: ޕްރިންސަސް ޑަޔާނާ އާއި ކޭޓް ގެ ހެދުން އެޅުމުގައި ހުންނަ އެއްގޮތް ކަމަކީ އެކި ފަހަރުމަތިން އާއްމުންގެ ލޮލުގައި އަޅައިގަނެފައިވާ ކަމެކެވެ. ޝާހީ އާއިލާގެ ހާއްސަ މުނާސަބަތު ތަކުގައި ކޭޓް ބޭނުންކުރައްވާ ހެދުންތަކުންނާއި ފެޝަން ސްޓައިލް އިން ޑަޔާނާގެ ހަނދާން އާވެއެވެ. ކޭޓް ވަނީ އޭނާގެ މައިދައިތަގެ ގަހަނާ ތައްވެސް ހެދުން އެޅުމުގައި އެކިފަހަގު މަތިން ބޭނުން ކޮށްފައެވެ.

ކޭޓް މިޑްލްޓަން (ވ) އަދި ޕްރިންސަސް ޑައާނާ (ކ) އިޖުތިމާއީ ހަރަކާތެއްގައި

އިޖުތިމާއީ މަސައްކަތް ތައް: ޕްރިންސަސް ޑަޔާނާ ފާހަގަކުރެވިފައިވަނީ އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ ބޭފުޅެއްގެ ގޮތުގައެވެ. ހަމައެގޮތަށް ކޭޓް މިޑްލްޓަން އަކީވެސް މިފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރި ވަމުން އަންނަ ޝާހީ އާއިލާގެ މެމްބަރެކެވެ. މިކަމުގައި ކޭޓް ދަނީ މައިދައިތާފުޅު ޑަޔާނާގެ ނަމޫނާގައި ހިފަހައްޓަމުންނެވެ.

ޝާހީ އާއިލާގެ ކުރީގެ ދިރިއުޅުން: ޝާހީ އާއިލާއާ ގުޅުމުގެ ކުރީން ޕްރިންސަސް ޑަޔާނާ އާއި ކޭޓް މިޑްލްޓަން އަކީވެސް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ބޭފުޅުންނެވެ. އެހެނީ ކޭޓް އަކީ ޝާހީ އާއިލާ އާ ގުޅުނު އެންމެ ފުރަތަމަ އިނގިރޭސި ވިލާތުގެ އާއްމު ރައްޔިތެވެ. ޕްރިންސް ޗާލްސް އާ ކައިވެނި ކުރެއްވުމުގެ ކުރިން ޕްރިންސަސް ޑަޔާނާ ވެސް ވަނީ އާދައިގެ ދިރިއުޅުމެއް އުޅުއްވާ ޓީޗަރެއްގެ ވަޒީފާ ވެސް އަދާކޮށްފައެވެ.

ކޭޓް މިޑްލްޓަން ޕްރިންސް ލުއިސްއާއެކު (ކ) އަދި ޕްރިންސަސް ޑައާނާ ޕްރިންސް ހެރީއާއެކު (ވ)

މިޒާޖާއި ސިފަތައް: ޝާހީ އާއިލާ ދިރާސާކުރައްވާ މާހިރުން ވިދާޅުވާ ގޮތުގައި ޕްރިންސަސް ޑަޔާނާ އާއި ކޭޓް މިޑްލްޓަންގެ މިޒާޖުގައި ބައިވަރު އެއްގޮތް ކަންތައްތަކެއް ހުރެ އެވެ. އާއްމު ތަންތަނުގައި އުޅުމުގެ ވައްޓަފާޅި އާއި ހަށިގަނޑުގެ ހަރަކާތްތައް ދެބޭފުޅުންގެވެސް އެއްގޮތް ކަމަށް ބުނާއިރު ދަރިން ތަރުބިއްޔަތު ކުރުމުގައި ދެބޭފުޅުންވެސް ގެންގުޅުއްވާ އުކުޅުތައް އެއްގޮތްކަން ފާހަގަ ކުރެވެ އެވެ.