ކެނެޑާގެ ވެންކޫވާގައި އަންގާރަ ދުވަހު ބޭއްވި ފުޓްބޯޅަ އިސްވެރިންގެ ބައްދަލުވުމުގައި އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބައިވެރިވެފައި ނުވާތީ، ކުރިއަށް އޮތް ވޯލްޑް ކަޕްގައި އެގައުމުން ބައިވެރިވުމާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރިޔާސަތު ބެލެހެއްޓެވި އޭޝިއާގެ ފުޓްބޯޅަ ލީޑަރުންގެ މި ބައްދަލުވުމުގައި އީރާނުގެ އޮފިޝަލުން ފެންނާކަށް ނެތެވެ.
އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި އީރާނުން ފަޚުރުވެރިކަމާއެކު ބައިވެރިވާނެ ކަމަށެވެ. ނަމަވެސް، އީރާނުގެ ޓީމަށާއި އޮފިޝަލުންނަށް ވިސާ ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން އަންގާރަ ދުވަހުގެ ބައްދަލުވުމަށް އެގައުމުން ހާޒިރުނުވުމުން ވަނީ ހާމަވެފަ އެވެ.
'ދަ އެތުލެޓިކް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ސަބަބުން ބުރާސްފަތި ދުވަހު ބާއްވާ ފީފާ ކޮންގްރެސްގައި ވެސް އީރާނަށް ބައިވެރިނުވެވިދާނެ އެވެ.
އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންޑްސާ ޖޯން ވިދާޅުވީ އީރާނުގެ މަންދޫބުންނަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި ކޮލިފައިވި ކޮންމެ ގައުމަކަށް ދޭ އެވޯޑްތައް، އީރާނުގެ އޮފިޝަލުން ވަޑައިގަތުމުން އެރުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އީރާނަށް ވިސާގެ ދަތިތައް ކުރިމަތިވާން ފެށީ މިދިޔަ ޑިސެމްބަރު މަހު ވޮޝިންޓަންގައި ބޭއްވި ވޯލްޑް ކަޕް ގުރުއަތުލުމުގެ ރަސްމިއްޔާތުން ފެށިގެންނެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މި މަޝްރަހު ވަނީ އިތުރަށް ގޯސްވެފަ އެވެ.
މި މައްސަލަތަކާ ހުރެ އީރާނުން ވަނީ އެގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށް ފީފާގައި އެދިފަ އެވެ. ނަމަވެސް ފީފާއިން އެކަމަށް އަދި އިޖާބައެއް ދީފައެއް ނުވެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ އީރާނު ޓީމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެގައުމުގައި ތިބުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އެތުލީޓުންނާއި އެމީހުންގެ އާއިލާތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެގައުމުން ގެންނަން ބޭނުންވާ އިސްވެރިންނާއި ނޫސްވެރިން ފަދަ ފަރާތްތަކަށް ވިސާ ދިނުމުގައި ހުރަސްތަކެއް ހުރިކަމަށް އޭނާ އިޝާރާތް ކުރެއްވި އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ، ދުނިޔޭގެ މަޝްރަހު މިހާރު އޮތް ގޮތުން، ފުޓްބޯޅައިގެ ޒަރީއާއިން މުޅި ދުނިޔެ އެއްބައިވަންތަ ކުރެވޭނެކަން ދައްކުވައިދޭން ޖެހޭ ކަމަށެވެ.
މުބާރާތުގެ ގްރޫޕް ޖީ ގައި ހިމެނޭ އީރާނުގެ ފުރަތަމަ މެޗު ޖޫން 15 ގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅުމަށް ތާވަލުކޮށްފައިވަނީ ލޮސް އެންޖެލެސްގަ އެވެ. އޭގެ ފަހުން ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް އަދި ޖޫން 26 ގައި މިސްރާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުހަށް ހާޒިރުކުރުމުން ހުރީ ހަނު!
އަނީތު ޕައްޑާ ސްކޫލް ކުއްޖެއްގެ ގޮތުގައި ފެނި ސަމާލުކަން
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ