އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ތާއީދު ނުކުރައްވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ޗެއާޕާސަން ކެންޑިޑޭޓް މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅީ ދެ ސަބަބެއް ދެއްކެވުމަށްފަހުއެވެ.
އޭނާ ވިދާޅުވީ އިންތިހާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތް ކަމަށެވެ. އަދި އެ ތާރީހުގައި އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވިދާޅުވީ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާ ވެސް އަދި ޕާޓީގެ އެއްވެސް މެންބަރެއްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ. ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް،" މީކާއީލް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އިންތިހާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޕާޓީއަށް ފައިސާ ހޯދޭނެ ގޮތްތައް އޮންނާނެ ކަމަށެވެ.
މީކާއީލްގެ އިތުރުން ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ފައްޔާޒް އެންޑޯސްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންގެ ކެމްޕޭން ހަރަކާތްތައް ވެސް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެ އެވެ.
ޓީއެމްއޭ އާއި މަންޓާ އެއާގެ މުސާރަތައް ކުޑަކުރަނީ
ލަވަކިޔުންތެރިޔާ ޑޭވިޑް އަންހެން ކުއްޖަކު މަރާލި މައްސަލައެއް
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި
