ރައީސް މުހައްމަދު މުއިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ލަންކާ ފުލުހުން އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބިރުދައްކައި ސުވާލުކުރަން ފަށައިފި އެވެ.
އެކަމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފާރަލައި، ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބެމުންދާ ކަމަށެވެ.
އެ ބަޔާނެއްގައި ބުނެފައިވަނީ، ލަންކާ ފުލުހުން މަދުވެގެން ހަތަރު ދިވެއްސެއްގެ އަމިއްލަ ދިރިއުޅޭ ތަންތަނަށް ވަދެ ސުވާލުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ނިމިދިޔަ ސަރުކާރުގައި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި މަސައްކަތް ކުރި ކުރީގެ އޮފިޝަލަކު ވެސް ހިމެނޭ ކަމަށް އެ ޕާޓީން ބުނެ އެވެ.
މި އަމަލުތަކަކީ މިހާރުގެ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ނުވަތަ ސަރުކާރާ ގުޅިގެން ހިންގާ އަމަލުތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެ އެވެ.
މިގޮތުން ލަންކާގެ ފުލުހުން ދިވެހިން އުޅޭ ގެތަކަށް ވަދެ، ރައީސް މުއިއްޒާ މެދު އެމީހުން ދެކޭ ސިޔާސީ ގޮތްތަކާ ބެހޭގޮތުން ސުވާލުކޮށްފައިވާ ކަމަށް ވެ އެވެ. އަދި ރައީސް މުއިއްޒު ލަންކާގައި އުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބާއްވާ ހަފުލާއަށް ނުދިއުމަށް އަންގައި، އެ މީހުންނަށް ނޭނގޭ ސިންހަޅަ ބަހުން ލިޔެފައިވާ ބަޔާންތަކެއްގައި ސޮއިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
މީގެ އިތުރުން، އެކަކުގެ ގެއާއި އަމިއްލަ އިލެކްޓްރޯނިކް ސާމާނު ދެ ގަޑިއިރެއް ހާއިރު ވަންދެން ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހާދިސާތައް ހިނގުމުގެ ކުރިން، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އެ ފަރާތްތަކަށް ގުޅައި ރައީސްގެ ހަފުލާއަށް ދިއުމަށް ދައުވަތު ދީފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. ނަމަވެސް އެ ދައުވަތު ތަކުރާރުކޮށް ގަބޫލު ނުކުރުމުން، ފުލުހުން އެމީހުން ގާތަށް ގޮސް އެ ހަފުލާއަށް ގޮސްފިނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެ އެވެ.
ފުލުހުން އެމީހުންނާ ސުވާލުކުރަން ދިޔައިރު، އެމީހުންގެ ފޮޓޯ އާއި ރާއްޖޭގައި ދިރިއުޅޭ ދާއިމީ އެޑްރެސް ފަދަ އަމިއްލަ މައުލޫމާތުތައް ފުލުހުންގެ އަތުގައި ހުރިކަން ވެސް އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީން ބުނީ މި އަމަލުތަކަކީ ގައުމުތަކުގެ އިސްވެރިން ވަޑައިގަންނަވާއިރު އާންމުކޮށް ކުރިއަށްގެންދާ ސަލާމަތީ ކަންކަމުގެ ބޭރުން ހިންގާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލުމަށް ދިވެހި ސަރުކާރާއި ހައިކޮމިޝަނުން ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެ އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ އަސާސީ ހައްގުތަކަކީ ބޭރު ގައުމުތަކުގައި ދިރިއުޅޭއިރު ވެސް ލިބިދޭން ޖެހޭ ހައްގުތަކެއްކަން އެމްޑީޕީން ހަނދާން ކޮށްދީފައިވެ އެވެ. އެހެންކަމުން، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފާރަލުމާއި ބިރުދެއްކުން ވަގުތުން ހުއްޓާލުމަށާއި، މި ދަތުރުފުޅުގެ ތެރެއިން ހިނގާފައިވާ ކަންކަމުގެ ފުރިހަމަ މައުލޫމާތު ހާމަކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ސިޔާސީ ހިޔާލު ފާޅުކުރުމުގެ ސަބަބުން އެއްވެސް ރައްޔިތަކަށް ގާނޫނާ ހިލާފު އަދަބެއް ނުލިބޭނެކަން ކަށަވަރުކޮށްދިނުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލްކޮށްދިނުމަށް ކޯޓަށް