އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މެދުގައި ކުރިއަށްދާ "ޗަޓޫ މިރަވަލް" ވައިންޔާޑްގެ ގާނޫނީ ހަނގުރާމައިގައި، ޖޯލީއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
އެންޖެލީނާގެ އަމިއްލަ އީމެއިލްތައް ހާމަކުރަން ބްރެޑް ޕިޓްގެ ފަރާތުން އެދުނު ނަމަވެސް، ލޮސް އެންޖެލިސްގެ ކޯޓަކުން ނިންމާފައިވަނީ، އެކަން ކުރަން އޭނާއަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
މި އީމެއިލްތަކަކީ ޖޯލީގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ސިއްރު މައުލޫމާތުތަކެއް ކަމަށް ބަލައި، ކޯޓުން ވަނީ ޖޯލީގެ "ޕްރައިވެސީ" ނުވަތަ އަމިއްލަ މިނިވަންކަން ހިމާޔަތްކޮށްދީފަ އެވެ.
މި މައްސަލައަކީ ފްރާންސްގައި މި ދެތަރިން ގުޅިގެން ގަނެފައިވާ ވައިންޔާޑްގެ ހިއްސާ އެންޖެލީނާ ވިއްކާލުމާ ގުޅިގެން އުފެދިފައިވާ މައްސަލަ އެކެވެ. ޕިޓް ދައުވާކުރާ ގޮތުގައި، އެންޖެލީނާ އޭނާގެ ހިއްސާ ވިއްކާލާފައިވަނީ ޕިޓްގެ ހުއްދަ ނެތި، އޭނާއަށް ގެއްލުން ދިނުމުގެ ނިޔަތުގަ އެވެ.
ބްރެޑްގެ ވަކީލުން މަސައްކަތް ކުރަމުންދިޔައީ އެންޖެލީނާގެ 8 އަހަރުގެ އީމެއިލް މުއާމަލާތްތައް ހޯދައި، އޭނާ ހިއްސާ ވިއްކާލީ ނުބައި ނިޔަތެއްގައިކަން ސާބިތު ކޮށްދިނުމަށެވެ. ނަމަވެސް، ގާޒީ ވަނީ ޕިޓްގެ މި އެދުމަކީ "ބޭކާރު" އަދި "އިންސާފުވެރި ނޫން" ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އެންޖެލީނާގެ ވަކީލު ޕޯލް މާފީ ވިދާޅުވި ގޮތުގައި، މި ނިންމުމަކީ އެންޖެލީނާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ޕިޓް ދަނީ އަމިއްލަ ހަސަދަވެރިކަމެއްގައި އެންޖެލީނާގެ އަބުރަށް އަރައިގަނެ، ކޯޓު މެދުވެރިކޮށް އޭނާއަށް އުނދަގޫ ކުރަމުން ކަމަށްވެސް ވަކީލު ތުހުމަތުކުރި އެވެ.
ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީ 2016 ވަނަ އަހަރު ވަރިވުމަށް ހުށަހެޅި ފަހުން، ދަރިންގެ ބެލެނިވެރިކަމާއި މުދަލުގެ މައްސަލައިގައި ދަނީ މެދުނުކެނޑި ގާނޫނީ ގޮތުން ކުރިމަތިލަމުންނެވެ. "ޗަޓޫ މިރަވަލް" އަކީ މި ދެތަރިން 2014 ވަނަ އަހަރު ކައިވެނިކުރި ތަނެވެ.
ލަންކާގައި މިފްކޯގެ އުފެއްދުންތައް ތައާރަފުކޮށްފި