ރަނގަޅަށް ނިދި ނުލިބުމަކީ ސިއްހީ ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ދާދި ފަހުން ސިއްހީ މާހިރަކު ވަނީ ނިދުމުގެ އެއް ގަޑިއިރު ކުރިން ގިނަ މީހުންނަށް ކުރެވޭ، ނިދި ހަރާބުކޮށްލާ ތިން ކަމެއް ހާމަކޮށްފަ އެވެ.
އެގޮތުން ރޭގަނޑުގެ އަރާމު ނިދި ބޭނުން ކަމަށް ވާނަމަ މި އާދަތަކުން ދުރުވެ ރޭގަނޑުގެ ވަގުތުތައް ހޭދަކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ހާމަކުރި އެވެ.
1. ފޯނު ބޭލުން ނުވަތަ 'ސްކްރޯލް' ކުރުން
ނިދަން އޮށޯވެ ފޯނާ ކުޅުމަކީ ގިނަ މީހުންގެ އާދައެކެވެ. ނަމަވެސް ފޯނުން ބޭރުކުރާ 'ބްލޫ ލައިޓް' ނުވަތަ ނޫ އަލީގެ ސަބަބުން ހަށިގަނޑުން ނިދުމަށް އެހީތެރިވެދޭ ހޯމޯން 'މެލަޓޮނިން' އުފެއްދުން މަދުކޮށްލައެ ވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ފެންނަ ކަންތައްތަކުގެ ސަބަބުން ސިކުނޑި ހޭލައްވާލައި، ނިދަން އުނދަގޫ ކުރުވަ އެވެ.
2. ސްޓްރެސް ބޮޑުވާ ފަދަ މަސައްކަތްތައް ކުރުން
ނިދުމުގެ ކުރިން އޮފީސް މަސައްކަތްތަކާ ބެހޭގޮތުން ވިސްނުމަކީ ނުވަތަ މާދަމާ ކުރަން ހުރި ކަންތައްތަކާ މެދު މާ ބޮޑަށް ފިކުރު ކުރުމަކީ ހަށިގަނޑުގައި 'ކޯޓިސޯލް' ނުވަތަ ސްޓްރެސް ހޯމޯން އިތުރުވާ ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑު ހަމަޖެހުމުގެ ބަދަލުގައި ހުންނަނީ "އެލާޓް" ހާލަތެއްގަ އެވެ.
3. މާ ގިނައިން ކެއުން ނުވަތަ ކެފެއިން ބޭނުންކުރުން
ނިދުމުގެ ކުޑަވަގުތުކޮޅެއް ކުރިން ބަރު ކެއުންތައް ކެއުމަކީ ހަޖަމުކުރާ ނިޒާމަށް ބާރުބޮޑުވެ، ނިދުމަށް ހުރަސްއެޅޭ ކަމެކެވެ. ހަމައެއާއެކު، ހަވީރުގެ ވަގުތުތަކުން ފެށިގެން ކެފެއިން (ސައި ނުވަތަ ކޮފީ) ބޭނުންކުރުން މަދުކުރަން ޖެހެ އެވެ. ސަބަބަކީ ކެފެއިންގެ އަސަރު ހަށިގަނޑުގައި ގިނަ އިރުތަކެއް ވަންދެން ހުންނާތީ އެވެ.
މާހިރުންގެ ލަފާ
ނިދުމުގެ 60 މިނެޓު ކުރިން ހުރިހާ އިލެކްޓްރޯނިކް ސާމާނެއް ނިވާލައި، ހަމަޖެހިލައިގެން ފޮތެއް ކިޔާލުމަކީ އަވަހަށް ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ގަވާއިދުން އެއް ގަޑިއަކަށް ނިދަން އާދަކުރުމަކީ މުޅި ދުވަހުގެ އުފާވެރިކަމާއި ދުޅަހެޔޮކަމަށް މުހިއްމު ކަމެކެވެ.
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
ޗެއާޕާސަން ކަމަށް ކުރިމަތިލީ އެމްޑީޕީ ރާވާލަން: މީކާއީލް
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!