ހަޔާތުގެ އެއް ދުވަސް ވަރެއްގައި އަހަރެން ތިބާއާއި އެކުވެސް އުފާވެރި ދުވަސްތަކެއް ހޭދަކުރީމެވެ. ހީހީ ގޮސް ލޮލުން ފެން ފައިބަންދެން ޖެހި ސަކަރާތާއި ދިރިއުޅުމުގެ އަޑިގުޑަންތަކުގައި އަހަންނާއި އެކު ތިބާ ސާބިތުވެ ހުރި ހުރުން އެއީ އަހަރެންގެ ހިތުން އެންމެ ހިނދުކޮޅަކަށް ވެސް ފިލައިގެން ނުދާނެ ކަންކަމެވެ. ސްކޫލް ދައުރުގެ އެ ހަނދާންތަކަކީ މިއަދު ވެސް އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާންތަކެކެވެ. ނަމަވެސް އެދުވަސް ފާއިތުވެ ހިނގައްޖެ އެވެ. ދިރިއުޅުމުގެ އެކި ކަންކަން އަހަރުމެންގެ އެކުވެރިކަމުގެ މައްޗަށް ބަރުވެ އެ އެކުވެރިކަން ފަނޑުވެ ނިމިއްޖެ އެވެ. މިއަދު އަހަރުމެންނަކީ ބީރައްޓެހިންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ގެއްލުނު ރަޙްމަތްތެރިޔާ އެވެ! އަހަރުމެންގެ ރަޙްމަތްތެރިކަމަކީ އެއް އިރެއްގައިވެސް އެހާ ބަލި ގުޅުމެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އެކުގައި އުޅުނު ދުވަސްތަކުގައި ވެސް ކުރިމަތިވި އެކި ކަހަލަ ކަންކަމުން އަހަރުމެން އެކުގައި އަރައިގަތީމު ނޫންހެއްޔެވެ؟ އެކަކު އަނެކަކަށް ރުޅިހަދާ ތުންދަމައިގެން އެންމެ ރެއެއްވެސް ވޭތު ނުވި ދުވަސްތަކެއްވެސް ދުށިން ނޫން ހެއްޔެވެ؟ އެފަދަ ވަރުގަދަ ގުޅުމަކަށް މިވީ ކީއްހެއްޔެވެ؟ ސްކޫލް ނިމުމަށްފަހު ވެސް އެންމެ ގާތް ރަޙުމަތްތެރިންގެ ގޮތުގައި ތިބުމަށް ބުނެ ވީ "ބެސްޓް ފްރެންޑްސް ފޯ އެވަ"ގެ ވައުދުތަކަށް ވީ ކިހިނެއް ހެއްޔެވެ؟ އަހަރުމެން ދެ މީހުންކުރެ މީހެއްގެ ފަރާތުން ގޯހެއް ހެދުނީ ހެއްޔެވެ؟ އެކުވެރިކަމުގައި އިހުމާލެއް ވެވުނީ ހެއްޔެވެ؟
ނޫނެކެވެ. މިއަދު އަހަރުމެންނަކީ ފުރާވަރުގެ އެ ދުވަސްތައް ފަސްދީ ދިރިއުޅުމުގެ ދުވަސްތައް ގުނަމުންދާ ޒުވާނުންނެވެ. އަހަރުމެންގެ ބޮލުގައި ޒިންމާތަކެއް އެޅިފައިވެ އެވެ. ވަޒީފާ އާއި އާއިލާ އެވެ. މަތީ ތައުލީމުގެ އުނދަގޫ މަސްއޫލިއްޔަތެވެ. އަމިއްލަ އާއިލާ އާއި ދަރިންނެވެ. މި ހުރިހާ ކަމެއްގެ ބުރަދަށުވެ އަހަރުމެންގެ އެކުވެރިކަން ވެސް ވަޅުލެވުނީ އެވެ. މިކަންކަމުގައި މަސްއޫލުވެ އުޅެމުން އެކަކު އަނެކަކާ އޮތް ގުޅުން ދަމަހައްޓަން އަހަރުމެން ކުރެ އެކަކަށް ވެސް ވަގުތު ނުވީ އެވެ. މިއީ ދިރިއުޅުމުގެ އާދަކަން އަހަރެން ގަބޫލު ކުރަމެވެ. ކިތަންމެ ބޭނުން ވިޔަސް އެއްވެސް މީހަކަށް އަނެކާއަށްޓަކައި އޭނާގެ ދިރިއުޅުން ގުރުބާން ނުކުރެވޭނެކަން އެއީ ދަންނަން ޖެހޭ ހަގީގަތެކެވެ.
އެކަމަކު ވެސް ބުނަމެވެ. ތިބާއަކީ އަހަރެންގެ ހަޔާތުން ދުވަހަކު ވެސް ފޮހެ ނުލެވޭނެ ހިއްސާއެކެވެ. ތިބާއާއި އެކު އޮތް އެކުވެރިކަމަށް މިއަދުވެސް އަހަރެން ގަދަރު ކުރަމެވެ. ތިބާގެ ސިއްރުތައް އަހަރެން ހިފަހައްޓާނީ އެއީ އަހަރެންގެ އަމިއްލަ ސިއްރުތައް ފަދައިންނެވެ. އަހަރުމެންގެ މެދުގައި ކުރިން އޮތްފަދަ ގާތް ގުޅުމެއް ނެތްކަމުގައި ވިޔަސް އަހަރެންގެ ހިތުގައި ތިބާއާއިމެދު އެއްވެސް ހިތްބަރު ކަމެއް ނެތެވެ. ހަމައެގޮތަށް ތިބާގެ ހިތްވެސް އަހަންނަށް ހެޔޮކަމަށް އުއްމީދު ކުރަމެވެ. ތިބާއަށްޓަކައި އަދިވެސް އަހަރެން އެދެނީ ތިޔާގިކަމާއި ފާގަތި ކަމެވެ. ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރި ހަޔާތެކެވެ. އެންމެ ފަހު ކަމަކަށް ތިބާއަށް އަހަރެންގެ އެހީ ބޭނުން ޖެހިއްޖެ ޙާލަތެއްގައި ތިބާއަށްޓަކައި އަދިވެސް އަހަރެން ހުންނާނެ ކަން ޔަގީންކޮށް އަރުވަމެވެ.