ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފްގެ ރައީސް، ޔާމީނަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނީ ޕީއެންއެފް އިން ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ގާނޫނުގެ ދަށުން އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

"ތިޔަ ޕާޓީ އިން ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100،000 ރުފިޔާއިން ޖޫރިމަނާކޮށްފީމެވެ،" އިލެކްޝަންސް އިން ބުންޏެވެ.

އެލް ސޯފާއެއް ހިފައިގެން ޕީއެންއެފް އިން މުޒާހަރާ ކުރަން ފެށުމުން އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ގާނޫނާ ހިލާފު އަމަލުތައް ނުހިންގަން އެ ޕާޓީއަށް އަންގާފަ އެވެ.

އިލެކްޝަނުން ބުނީ ޕީއެންއެފް އާއި އެ ޕާޓީއަށް ތާއީދުކުރާ މީހުން މިދުވަސްވަރުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާއި ގަވާއިދާ ތަކުރާރުކޮށް ހިލާފުވުމުން އެކަމަށް ނަސޭހަތްތެރިވެ، ކޮމިޝަނާ ބައްދަލުކުރަން ދައުވަތު ދިނުމުންވެސް އެކަމަށްވެސް އިންކާރުކުރި ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދީފައިވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި، ސިޔާސީ ޕާޓީތަކުގެ ގަވާއިދާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އަދި ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން އިލެކްޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީތަކަށް އިލެކްޝަނުން ފިޔަވަޅު އަޅަން ފަށާފައި މިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މަގާމުން އިސްތިއުފާ ދެއްވި ފަހުންނެވެ.