ދަރިން ބޮޑުވަމުން އަންނަ ވަރަކަށް އެކުދިންގެ ހަށިގަނޑަށާއި ސިކުނޑިއަށް އަންނަ ބަދަލުތަކާ ގުޅިގެން، ބޭނުންވާ ނިދީގެ މިންވަރަށް ވެސް ބަދަލުތަކެއް އާދެ އެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ކުއްޖާގެ އުމުރަށް ބަލައި އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ ކުއްޖާގެ ކުރިއެރުމަށާއި، މިޒާޖަށާއި، ކިޔެވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެކެވެ.
އުމުރުގެ އެކި މަރުހަލާތަކުގައި ކުދިންނަށް ބޭނުންވާ ނިދީގެ މިންވަރު ތަފާތުވެ އެވެ.
އެގޮތުން، އެންމެ ތުއްތު ކުދިން ނުވަތަ ތިން މަހުން ދަށުގެ ކުދިން ދުވާލަކު 14 ގަޑިއިރާއި 17 ގަޑިއިރާ ދެމެދުގެ މިންވަރަކަށް ނިދި ބޭނުންވާއިރު، ހަތަރު މަހާއި 11 މަހާ ދެމެދުގެ ކުދިންނަށް 12 ގަޑިއިރާއި 15 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވެ އެވެ.
އެއް އަހަރާއި ދެ އަހަރުގެ ކުދިންނަށް 11 ގަޑިއިރާއި 14 ގަޑިއިރު ބޭނުންވާއިރު، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޕްރީ-ސްކޫލް ކުދިންނަށް އެކަށީގެންވަނީ 10 ގަޑިއިރާއި 13 ގަޑިއިރާ ދެމެދުގެ ނިންޖެވެ.
ހަ އަހަރާއި 13 އަހަރާ ދެމެދުގެ ސްކޫލަށްދާ އުމުރުގެ ކުދިންނަށް 9 ގަޑިއިރާއި 11 ގަޑިއިރުގެ ނިދި މުހިއްމުވާއިރު، 14 އަހަރާއި 17 އަހަރާ ދެމެދުގެ ފުރާވަރުގެ ކުދިންނަށް މަދުވެގެން 8 ގަޑިއިރާއި 10 ގަޑިއިރުގެ ނިދި ކޮންމެހެން ބޭނުންވެ އެވެ.
ކުދިންނަށް ހަމަނިދި މުހިއްމުވަނީ ކީއްވެ؟
- ހަށިގަނޑު ބޮޑުވުން: ކުދިން ބޮޑުވުމަށް ބޭނުންވާ 'ގްރޯތު ހޯމޯން' ހަށިގަނޑުން އެންމެ ގިނައިން އުފައްދަނީ ގަދައަށް ނިދާފައި ތިބޭ ވަގުތުގަ އެވެ.
- ސިކުނޑީގެ ތަރައްގީ: ދުވާލު ދަސްކުރާ ކަންތައްތައް ހަނދާނުގައި ބެހެއްޓުމަށާއި، ސިކުނޑީގެ ސެލްތައް އާލާވުމަށް ނިދި ބޭނުންވެ އެވެ.
- މިޒާޖާއި އަހުލާގު: ނިދި ހަމަނުވާ ކުދިން ގިނަ ފަހަރަށް ރުޅިގަދަވުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
- ބަލިތަކުން ރައްކާތެރިވުން: ހަމަނިދި ލިބުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ބަލިތަކުން ކުއްޖާ ދުރުކޮށްދޭ ކަމެކެވެ.
ބެލެނިވެރިންނަށް ސަމާލުކަމަށް!
ކުއްޖާގެ އުމުރަށް ބޭނުންވާ ނިދި ހޯދައިދިނުމަށްޓަކައި، އެކުދިން ނިދާ ގަޑިތަކަކީ އާއިލާގެ އެންމެން ސަމާލުކަންދޭ ކަމަކަށް ހަދަން ޖެހެ އެވެ. ހާއްސަކޮށް ފުރާވަރުގެ ކުދިންގެ އަތުން ނިދުމުގެ ކުރިން ފޯނާއި ޓެބްލެޓް ފަދަ ތަކެތި އަތުލުމަކީ، އެކުދިންނަށް ބޭނުންވާ ނިދި ހަމަކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ.
ކުދިންނަށް ނިދި ބޭނުންވާ މިންވަރު މި ބަޔާންކުރި ގަޑިތަކަށްވުރެ ކުޑަކޮށް އިތުރުވެ ނުވަތަ މަދުވުމަކީ އެކުއްޖާގެ ހަރަކާތްތެރިކަމަށް ބަލައި ބަދަލުވެދާނެ ކަމެކެވެ. ނަމަވެސް ބޮޑެތި ތަފާތުތަކެއް ހުރިނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ.
އީރާނަށް ހަމަލާ ދީފިނަމަ ރަނގަޅު ފިލާވަޅެއް ދޭނަން: ގާލީބާފް
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
ސުވާލެއް ކުރުމުން ޝަހުޒާން ރައީސް އޮފީހުން ނެރެލައިފި