ބޮލީވުޑްގެ މަގުބޫލު ބަތަލާ ތާބޫ އާއި އެކްޓަރު އަޖޭ ދޭވްގަން އަކީ ވަރަށް ގާތް ދެ އެކުވެރިންކަން އެންމެންނަށްވެސް އެނގެ އެވެ.

އެގޮތުން ތާބޫ އަދިވެސް ކައިވެންޏެއް ނުކޮށް ހުސްހަށިބައިކޮށް ހުންނަން ޖެހުނު އަސްލު ސަބަބަކީ އަޖޭ ކަމަށް ބުނެ، ތާބޫ ވަނީ މަޖާ ގޮތަކަށް އަޖޭއަށް ބޮޑު ތުހުމަތެއް ކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ތާބޫގެ ޒުވާން ދުވަސްވަރު އޭނާއާ ވާހަކަދައްކަން އުޅުނު ފިރިހެން ކުދިންނަށް ބިރުދައްކައި، އެކުދިން ފަހާ ދުވީ އަޖޭއާއި ތާބޫގެ ކޮއްކޮ ސަމީރު އާރްޔާ އެވެ.

"މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ތާބޫ ބުނީ، އަޖޭއާއި ސަމީރުއަކީ އޭރު އަބަދުވެސް އެކުގައި އުޅޭ ދެމީހުން ކަމަށެވެ. އަދި ތާބޫ ކޮންމެ ތަނަކަށް ދިޔަޔަސް މި ދެމީހުން އޭނާއަށް ފާރަލަމުން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.

"އަހަންނާ ވާހަކަ ދައްކަން އުޅޭ ކޮންމެ ފިރިހެން ކުއްޖަކަށް އެމީހުން ބިރުދައްކާ ހަދާ. އަހަރެން މިއަދު ހުސްހަށިބައިކޮށް މި ހުންނަނީ އަޖޭގެ ސަބަބުން. އަހަރެން އުންމީދު ކުރަން އޭނާ ކުރި ކަންތަކާ މެދު އޭނާ މިއަދު ހިތާމަ ކުރާނެ ކަމަށް،" މަޖާ ރާގަކަށް ތާބޫ ބުންޏެވެ.

ތާބޫ އާއި އަޖޭ އަކީ ފިލްމީ ދާއިރާގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެކުގައި ކޮށްފައިވާ ދެ ތަރިންނެވެ. "ވިޖޭޕާތު"، "ހަގީގަތް"، "ދްރިޝްޔަމް"، "ގޯލްމާލް އެގެއިން" އަދި "ބޯލާ" ފަދަ މަގުބޫލު ފިލްމުތަކުން މި ދެ ތަރިންގެ ކެމިސްޓްރީ ބެލުންތެރިންނަށް ފެނިގެން ގޮސްފައިވެ އެވެ.

ތާބޫ ބުނި ގޮތުގައި އަޖޭ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަކު އަނެކަކަށް އޮންނަ އިތުބާރާއި ގާތްކަމަކީ އެމީހުންގެ އެކުވެރިކަން މިހާ ގިނަ ދުވަހު ދެމިއޮތް ސަބަބު ކަމަށް ވެސް އޭނާ ބުންޏެވެ.