ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވަމުންދާތީ، އެފަދަ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބޭނުންވާ ނޫސްވެރިންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ބާ ކައުންސިލުން ނިންމައިފި އެވެ.
ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ރާއްޖޭގައި އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގުތަކަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ފާހަގަކުރެވެމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ނޫސްވެރިން ޖަލަށްލުމާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާތީ އެ ކައުންސިލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ، ގާނޫނީ އެހީތެރިކަން ބޭނުންވާ ނޫސްވެރިންނަށާއި ވަކީލުންނަށް އެ ކައުންސިލްގެ "ޕްރޯ ބޯނޯ ކްލިއަރިން ހައުސް" މެދުވެރިކޮށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ބާ ކައުންސިލުން ފާހަގަކުރި ގޮތުގައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގެ ބިންގަލެވެ. އަދި ދައުލަތުގެ ބާރުތައް ބޭނުންކުރަންވާނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި އިންސާފުވެރި ޝަރީއަތެއްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ ކައުންސިލުން ހަނދާންކޮށްދީފައިވެއެވެ.
މިކަމާ ގުޅިގެން ބާ ކައުންސިލުން ވަނީ އެޓާނީ ޖެނެރަލްއަށާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އިތުރުން ކްރިމިނަލް ކޯޓަށް ރަސްމީ ސިޓީ ފޮނުވާފަ އެވެ. އެ ސިޓީތަކުގައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް އިހުތިރާމްކުރުމަށާއި، ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، ކުރީގެ ފަނޑިޔާރުންނާއި މަދަނީ ޖަމިއްޔާތަކުން މިކަމާ ގުޅިގެން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ތާއީދުކުރާކަން ހާމަކުރަމުން ބާ ކައުންސިލުން ބުނީ، މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. އެހެންކަމުން، ހުރިހާ މުއައްސަސާތަކަކުންވެސް ގާނޫނީ ދައުލަތެއްގެ ސިފަތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސައުދީއިން ވެސް އީރާނަށް ސިއްރު ހަމަލާދިން: ރިޕޯޓް