ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މުއްދަތު ދަންމާލުމަށްފަހު، މިއަދަށް ތާވަލުކުރި ޖަލްސާ ކެންސަލްކޮށްފި އެވެ.

ޖަލްސާ ކެންސަލްކުރިކަން މަޖިލީހުގެ އިދާރާއިން ކަށަވަރުކޮށްދިން ނަމަވެސް، އެކަން ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފުރަތަމަ ދައުރު މެއި މަހުގެ 15 އަށް ނިމޭނެ އެވެ. ނަމަވެސް، ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ހުށަހަޅުއްވައިގެން، ވެރިކަންކުރާ ޕީއެންސީގެ 58 މެންބަރުންގެ ވޯޓާއެކު ވަނީ މި މަހުގެ ނިޔަލަށް ދައުރު ދަންމާލަން ފާސްކޮށްފަ އެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ 10 މެންބަރުންނާއި އަމިއްލަ މެންބަރެކެވެ.

ސަރުކާރުން އަޟްހާ އީދުގެ ބަންދު ދުވަސްތައް ހަމަޖައްސާފައިވާ ގޮތުން، ދައުރު ދަންމާލިޔަސް މަޖިލީހުގެ ޖަލްސާތައް މިމަހުގެ 21 ވާ ބުރާސްފަތި ދުވަހަށް އެއްކޮށް ނިމޭނެ އެވެ.

މިއަދު ޖަލްސާ އޮންނާނެ ކަމަށް ކުރިން ރިޔާސަތުން އިއުލާން ކުރެއްވި ނަމަވެސް، މިއަދުގެ ޖަލްސާގެ އެޖެންޑާއެއް ނުވަތަ ކޮމިޓީއެއްގެ މައުލޫމާތެއް ވެސް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެއް ނެތެވެ.

މިދިޔަ ބުދަ ދުވަހުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ބުރާސްފަތި ދުވަހަށް ފަސްކުރަން ޖެހުނެވެ. ބުދަ ދުވަހު ހާޒިރުވީ އެމްޑީޕީގެ 6 މެންބަރުންނާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެކަންޏެވެ. އެ ދުވަހު މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީގެ ބައްދަލުވުންތައް ވެސް ކެންސަލްކުރި އެވެ.

މި ހިނގާ ދައުރުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ 19 ޖަލްސާ އެވެ. ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ނަމަވެސް، މަޖިލީހުން މުހިންމު ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ މަންޒަރެއް ނުފެނެ އެވެ. އޭގެ ބަދަލުގައި މިހާރު އުޅެނީ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރުކަން ވެސް ކުރައްވާ ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅައިގެންނެވެ. ބެލެވޭ ގޮތުގައި ދައުރު ދަންމާލީ އެ މަސައްކަތް ކުރުމަށެވެ.

މަޖިލީހުގެ ކޯރަމް ހަމަނުވި ބުދަ ދުވަހު، ޕީއެންސީގެ މެންބަރުންގެ ވަޓްސްއަޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ބޭރު ވެސް ކޮށްލާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ނާޒިމްގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.