ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއަށް އެމަނިކުފާނުގެ އަނބިކަނބަލުންގެ ހައިސިއްޔަތުން ލިބޭ އެލަވަންސްގެ ގޮތުގައި ފާއިތުވި ހަ މަސް ދުވަހު 199،999ރ. ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ މިއަދު އާންމުކުރި އެކަމަނާގެ މާލީ ބަޔާނުންނެވެ.
ސާޖިދާއަށް މިދިޔަ ހަ މަސްދުވަހު އާމްދަނީގެ ގޮތުގައި 282،926ރ. ލިބިވަޑައިގެންފައިވެ އެވެ. އެއީ ރައީސްގެ އަނބިކަނބަލުންނަށް ލިބޭ އެލަވަންސްގެ ގޮތުގައި 199،999ރ. އާއި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި ލިބިވަޑައިގަތް 78،000ރ. އަދި ހެލްތު މިނިސްޓްރީގެ ކޮންސަލްޓެންޓެއްގެ ހައިސިއްޔަތުން ލިބުނު 4،927ރ. އެވެ.
ރައީސް މުއިއްޒާއި ސާޖިދާގެ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ދައުލަތުން ދޭ ފައިސާއިންނެވެ.
މީގެ އިތުރުން ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމުން ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ދެމިހުންނެވުމަށް ސާޖިދާ ނިންމެވި އެވެ. އެހެންވެ، ސިވިލް ސާވިސް ކޮމިޝަނުން އެކަމަނާއަށް ހާއްސަ އުސޫލެއް ހެދި އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވެސް ހުށަހެޅި އެވެ.
ހިދުމަތް ކުރުމުގެ ފުރުސަތު ދޭން ސީއެސްސީން ސާޖިދާއަށް ދިނީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ކޮންޓްރެކްޓެކެވެ. އެ ކޮންޓްރެކްޓުގެ ދަށުން މަހަކު 40 ގަޑިއިރު, ގަޑިއިރަކަށް 75 ރުފިޔާގެ ރޭޓުން މަސައްކަތް ކޮށްދޭން ޖެހެ އެވެ.
ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 33،330ރ. އެވެ. ދިމްޔާތު ކުންފުނީގެ މައި ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ސާޖިދާ އެވެ. އެހެންކަމުން ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާތީ ސާޖިދާއަށް މަހަކު އެ ލިބިވަޑައިގަންނަވަނީ 821ރ. އެވެ.
އީރާނުގެ ޔުރޭނިއަމް ރަޝިޔާއަށް ފޮނުވަން ހުށަހަޅައިފި
ކަސްރަތު ކުރަން ހިތްވަރު ނެތީތަ؟ މިކަންކަން ބަދަލު ކޮށްލާ!
ޔޫސުފް ވަހީދު، އެޗްޑީސީގެ ބޯޑުން ވަކިކޮށްފި
