ރިއަލިޓީ ޓީވީ ތަރި އަދި ބިލިއަނަރު ކިމް ކާޑޭޝިއަން އޭނާގެ ރީތިކަމާއި ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދުވާލަކު ގާތްގަނޑަކަށް 35 ހެލްތް ސަޕްލިމެންޓް (ވިޓަމިންއާއި މިނަރަލްސް ފަދަ ބޭސް ގުޅަ) ބޭނުންކުރާ ކަމަށް ބުނުމާއެކު ސިއްހީ މާހިރުން އެކަމުގެ ނުރައްކާތަކާ މެދު އިންޒާރު ދޭން ފަށައިފި އެވެ.

އެމީ ޕޯލާގެ ޕޮޑްކާސްޓް "ގުޑް ހޭންގް" ގައި ވާހަކަ ދައްކަމުން އުމުރުން 45 އަހަރުގެ ކިމް ބުނީ، އޭނާ މި ބޭސްގުޅަތައް ދުވާލަކު ތިން ފަހަރަށް ބަހާލައިގެން ބޭނުންކުރާ ކަމަށެވެ.

ނަމަވެސް މިހާ ގިނައިން ބޭސްތައް ކާތީ އޭނާއަށް "ޕިލް ފަޓީގް" ނުވަތަ ގިނަ އަދަދެއްގެ ބޭސް ކެއުމުން ސިކުނޑިއަށާއި ހަށިގަނޑަށް ކުރާ ބާރާއި ފޫހިކަން އިހުސާސްވާން ފަށާފައިވާ ކަމަށް ކިމް ބުންޏެވެ.

ކިމް ކިޔައިދިން ގޮތުގައި ބޭސްގުޅަ ކެއުން ފޫހިވެގެން އޭނާ ދާދި ފަހުން "ފިޝް އޮއިލް" ސަޕްލިމެންޓް ބުއިން ހުއްޓާލި އެވެ. ނަމަވެސް، އޭގެ ފަހުން ހެދި ލޭގެ ޓެސްޓުތަކުން އޭނާގެ ހަށިގަނޑަށް އައި ބަދަލު ވަރަށް ސާފުކޮށް ފެންނަން ހުރުމުން، އަލުން އެ ބޯން ފަށަން ޖެހުނެވެ.

ކޮންމެ ދުވަހަކު އޮފީހަށް ދާ މަގުމަތީގައި ޖަހާލެވޭނެ އައިވީ ޑްރިޕެއް ހުރިނަމަ ބޭސް ގުޅަ ކެއުމުގެ ބަދަލުގައި އޭނާ އިހްތިޔާރު ކުރާނީ އެގޮތް ކަމަށް ސަކަ ރާގެއްގައި ކިމް ބުންޏެވެ.

ކިމްގެ މި ވާހަކަތަކާ ގުޅިގެން މާހިރުން ބުނަނީ ސިއްހީ ގޮތުން މައްސަލައެއް ނެތްނަމަ، އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ގަވާއިދުން ކާނަމަ މިހާ ގިނަ ސަޕްލިމެންޓް ނަގަން ނުޖެހޭނެ ކަމަށެވެ.

މާހިރުން ފާހަގަކުރާ މައިގަނޑު ނުރައްކާތައް:

  • ގުނަވަންތަކަށް ބާރު ބޮޑުވުން: ވިޓަމިން އޭ، ޑީ، އީ އަދި ކޭ ފަދަ "ފެޓް-ސޮލިއުބަލް" ވިޓަމިންތައް ހަށިގަނޑުގައި ގިނަވުމުން ވިހައަކަށް ބަދަލުވެ، ފުރަމޭ އަދި ކިޑްނީއަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ.
  • ބޭސްތައް ގިނަވުމުގެ ސައިޑް އިފެކްޓްސް: މާގިނައިން ބޭސްގުޅަ ކެއުމަކީ ބަނޑަށް ތަދުވުން، މޭނުބައިކުރުން، އަދި ހަޖަމު ކުރުމުގެ ނިޒާމަށް މައްސަލަ ދިމާވާ ކަމެކެވެ.
  • ބޭސްތައް އެކުވުމުން ނުކުންނަ ނަތީޖާ: އެކި ކަހަލަ ސަޕްލިމެންޓްތައް އެއްކޮށް ބޭނުން ކުރުމުން، އެއް ބޭސް އަނެއް ބޭހަށް ނޭދެވޭ އަސަރުކޮށް، އޭގެ ސަބަބުން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ އެވެ.

މުމްބާއީގެ ގްލޯބަލް ހޮސްޕިޓަލްގެ މާހިރެއް ކަމަށްވާ ޑރ. ޝްރުތީ ތަޕިއާވާލާ ވިދާޅުވި ގޮތުގައި، ދުޅަހެޔޮ ސިއްހަތެއްގެ އަސާސަކީ ބެލެންސްޑް ޑައިޓަކާއި ގަވާއިދުން ކަސްރަތު ކުރުމުގެ އިތުރުން ހަމަ ނިދި ހޯދުން އަދި ސްޓްރެސް މެނޭޖް ކުރުމެވެ.

ސަޕްލިމެންޓް ބޭނުން ކުރަންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތިން ހަށިގަނޑުން މަދުވާ މާއްދާއެއް ދެނެގަތުމަށްފަހު އެކަން ފޫ ބެއްދުމަށް އެކަނި ކަމަށް އޭނާ ބުނެފައިވެ އެވެ.