މިއީ ހުރިހާ ގޮތަކުން ވެސް ތަފާތު ރޯދަމަހެއްކަން އަހަރެމެން އެންމެންނަށް ވެސް އެނގެ އެވެ.
ފުރަބަންދަށް ފަހު ބައްދަލުކުރި ފުރަތަމަ ރޯދައަށް ވެފައި ދުނިޔޭގެ ހާލަތު މިވަގުތު ހުރި ގޮތުން އަހަރެމެންގެ ގިނަ އާދަތައް ބަދަލުކުރަން ޖެހޭނެކަން ދަނެ ތިބީމު އެވެ. ޓީވީ އާއި ހަބަރު ފަތުރާ ވަސީލަތްތަކުން މެދުކެނޑުމެއްނެތި ދިޔައީ އެކަންކަން ހަނދާން ކޮށްދެމުންނެވެ.
ރޯދަމަސް އަހަރެމެންނާ އަލްވަދާއު ކިޔަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ފަހު ދިހައިގެ ރޭތައް ގުނަމުން ދާއިރު މި ރޯދަމަސް ވަކި އެހެން އަހަރުތަކާ ތަފާތޭ ބުނެވޭކަށް ނެތެވެ. ރޯދަމަސް އޮތީ ރޯދަމަހުގެ ގޮތުގަ އެވެ. ބިރުވެރި ބަލިމަޑުކަމެއްގެ ތެރޭގައި ވެސް އެމަހުގެ އާދަކާދަ އަކަށް ބަދަލެއް ނާދެ އެވެ.
މި އަހަރު ވެސް ބާޒާރުމަތީގައި އިހުނަށް ވުރެ މީހުން ގިނަ އެވެ. ދަތުރުވެރިންނާއި ވިޔަފާރިވެރިން އެއްވެ، މުޅި ހިސާބު ފެނިގެން ދިޔައީ ބައިބޯ ކޮށެވެ. ފިނިބުރާއި ރޯދަކުރު ކުރުންވެސް އޮތީ ހަމަ އޮތް ގޮތަށެވެ. ހަވީރު އަތަށް އަޅާއިރު މާލޭގެ މަގުތައް ހަލަބޮލިވެ އެވެ. ޕާކުތަކާއި މައިޒާންތައް ތޮއްޖެހެ އެވެ. އާއްމުކޮށް ބާއްވާ ރޯދަވީއްލުން ތައްވެސް ވަކި މަދެއް ނުވި އެވެ. ރެސްޓޯރެންޓުތައް މިއަހަރު ވެސް އޮތީ ގާތްގަނޑަކަށް ފުރިފަ އެވެ. އާއިލީ ބޮޑު ރޯދަވީއްލުން ނުބާއްވާ ގެއެއް މިއަހަރު ވެސް މަދެވެ.
ތެދަށް ދަންނަވާނަމަ މި ރޯދަމަހު އަހަރުމެންގެ ހާލަތު ވަކި ތަފާތުހެން ހިއެއް ނުވެ އެވެ. ރޯދަމަހުގެ އާދަކާދަތަކާއި ސަގާފަތްތައް މި އަހަރު ވެސް އެއްވެސް އުނިކަމެއް ނެތި ފެނިގެން ދިޔައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ނެތީތީ ދިވެހިންގެ އަމަލުތައް ހުރިގޮތް ހިތާމައާއެކު ފާހަގަ ކުރަން ޖެހެ އެވެ. ދެވިފައިވާ ލުއިތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރެވި ފަރުދީ ޒިންމާ އަދާނުކުރެވުނު ކަމުގެ ހިތި ނަތީޖާއަކަށްވީ މިއަދު ފެންނަމުންދާ މަންޒަރުތަކެވެ. ރޯދައިގެ ފަހު ދިހައަށް އާދެވުނު އިރު މުޖުތަމައުގައި ބަލި އިތުރަށް ފެތުރިގެން ދިއުމެވެ.
ކުރިއަށް އޮތީ އީދުގެ ދުވަސްވަރެވެ. ދެންވެސް ފަރުދީ ޒިންމާ އަދާކުރަން ހަނދުމަ ކޮށްދެމެވެ. އީދު ޗުއްޓީގައި ރަށްރަށަށް ނުދިއުން އެއީ އޭގެ ފެށުމެވެ. ގޭގައި އާއިލާ މީހުންނާއެކު ވެސް އީދު ފާހަގަ ކުރެވިދާނެ އެވެ. މަގުމައްޗަށް ނުކުމެ ރަށުން ފުރައިގެން ނުދިއަކަސް އީދުގެ އުފާ ހާސިލް ކުރެވިދާނެ އެވެ. ހާލަތު އިތުރަށް ގޯސް ނުވަނީސް އަހަރުމެންގެ އަމަލުތައް ބަދަލުކުރަމާ ހިނގާށެވެ.