މިއީ މި ޒަމާނުގައި ބާރު ދުވެލީގައި ކުރިއަށްދާ ދިރިއުޅުމުން ވަރަށް ގިނަ ބަޔަކަށް ތަޖުރިބާ ކުރަންޖެހޭ ކަމެކެވެ. ކޮޓަރި ތެރޭގައި އެއްވެސް އަޑެއް ބަޑެއް ނެތް ހިމޭން ވަގުތެއް ހޭދަކުރަން ޖެހުމުން ނުވަތަ ފޯނާއި ޓީވީ ނިވާލާފައި ހުންނަ ވަގުތު ތަކުގައި ބައެއް މީހުންނަށް ނުތަނަވަސްކަމާއި ބިރުވެރިކަން އިހުސާސް ކުރެވެ އެވެ.
މި ފަދަ ހިމޭން ކަމަށް ކެތް ނުކުރެވިގެން ގޭތެރޭގައި އަބަދު ލަވައެއް ނުވަތަ ބެކްގްރައުންޑް މިއުޒިކެއް ޖަހާފައި ބެހެއްޓުމަކީ އާއްމު ކަމެކެވެ.
އެމެރިކާގެ މޭރީލޭންޑްގެ މަޝްހޫރު ނަފްސާނީ ޑޮކްޓަރަކު ވަނީ މިގޮތަށް ހިމޭންކަމުގެ ތެރޭގައި ހުންނަން އުނދަގޫވަނީ ކީއްވެގެންކަން ސައިންޓިފިކް ގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ފުރިހަމައަށް ސާފުކޮށްދީފަ އެވެ.
ސިކުނޑި "ޑިސްޓްރެކްޓް" ކުރަން ބޭނުންވުން
ޑޮކްޓަރު ވިދާޅުވާ ގޮތުގައި، އަޅުގަނޑުމެންގެ ސިކުނޑި މިހާރު އާދަވެފައިވަނީ އަބަދުވެސް ކޮންމެވެސް ކަމެއްގައި މަސްއޫލު ވެގެން އުޅުމަށެވެ. ފޯނު ހާވާލުން، ނޮޓިފިކޭޝަންސް ބެލުން، ނުވަތަ ވީޑިއޯއެއް ބަލާލުން ފަދަ ކަންކަމުން ސިކުނޑިއަށް އަބަދު ވެސް ބޭރުގެ މައުލޫމާތުތައް ލިބިލިބި ހުރެ އެވެ. ކުއްލިއަކަށް މި ހުރިހާ އަޑެއް ކެނޑި، މުޅި މާހައުލު ހިމޭން ވުމުން ސިކުނޑިއަށް އެ ލިބޭ ހުސްކަމަށް ހޭނެން އުނދަގޫވެ ހާސްކަން އުފެދެނީ އެވެ.
ފޮރުވިފައިވާ ޖަޒުބާތުތައް ތިލަވުން
މިއީ އެންމެ މުހިއްމު ނަފްސާނީ ސަބަބެވެ. އަޅުގަނޑުމެން ދުވާލު ހަތަރުދަމު މަސައްކަތުގައި ނުވަތަ ސްކްރީންތަކަށް ބަލަން ތިބޭއިރު، ހިތުގައި ހުންނަ ކަންބޮޑުވުން ތަކާއި، ހިތާމަތަކާއި، ނުވަތަ ބިރުވެރި ހިޔާލުތައް ހުންނަނީ ފޮރުވިފަ އެވެ. ނަމަވެސް މުޅި މާހައުލު ހިމޭންވާ ވަގުތަކީ ސިކުނޑިއަށް އެހެން އެއްވެސް ކަމަކުން ސަމާލުކަން އަނބުރާލެވޭނެ ގޮތެއް ނޯންނަ ވަގުތެކެވެ. ނަތީޖާއެއްގެ ގޮތުން، ތިމާ ވިސްނަން ބޭނުންނުވާ ހުރިހާ ބަރުދަން ބޮޑު ހިޔާލުތަކެއް ކުއްލިއަކަށް ތިލަވާން ފަށަ އެވެ. އެހެންކަމުން މީހާއަށް އުނދަގޫވަނީ ހިމޭންކަމުގެ ސަބަބުންނެއް ނޫނެވެ، އެ ހިމޭންކަމުގެ ތެރެއިން އަމިއްލަ ނަފްސާ ކުރިމަތިލާން ޖެހޭތީ އެވެ.
"ފްލައިޓް އޯ ފްލައިޓް" ރެސްޕޮންސް އެކްޓިވްވުން
އިންސާނާގެ ސިކުނޑި ގުދުރަތީ ގޮތުން ހެދިފައިވަނީ ކުއްލިއަކަށް މާހައުލު މާ ބޮޑަށް ހިމޭން ވެއްޖެ ނަމަ، އެއީ ނުރައްކަލެއްގެ ސިގްނަލެއްގެ ގޮތުގައި ދެނެގަންނާށެވެ. (މިސާލަކަށް ޖަންގަލީގެ ހުރިހާ ޖަނަވާރެއް އަޑުކަނޑާލުމުން މިނިކާވަގެއް އުޅޭކަން އެނގޭ ފަދައިންނެވެ). މިހާރުގެ މުޖުތަމަޢުގައި އެފަދަ ނުރައްކަލެއް ނެތް ނަމަވެސް، ކަނޑައެޅިގެންވާ ހިމޭންކަމުގެ ސަބަބުން ސިކުނޑީގެ ނާރުތައް ނުތަނަވަސްވެ، ހަށިގަނޑު އެލާޓް މޯޑަށް ދަނީ އެވެ.
މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން
ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި ހިމޭން ކަމަށް ބިރުގަތުން ނުވަތަ އުނދަގޫ ވުމަކީ ބައްޔެއް ނޫނެވެ. ނަމަވެސް، މިއީ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ބަދަލު ކުރަންޖެހޭ އާދަ އެކެވެ. މިއަށް ހައްލެއް ހޯދުމަށް
- މައިންޑްފުލްނަސް: ދުވާލަކު ފަސްވަރަކަށް މިނިޓު، އެއްވެސް ފޯނެއް ނުވަތަ އަޑެއް ނެތް ތަނެއްގައި އިށީނދެގެން އިނުމަށް އަމިއްލަ ނަފްސު އާދަ ކުރާށެވެ. ހިޔާލުތައް އައިސް ދިޔަސް އެއާ މެދު މާ ބޮޑަށް ނުވިސްނާ ހަމައެކަނި ނޭވާލުމަށް ސަމާލުކަން ދޭށެވެ.
- ވައިޓް ނޮއިސް ބޭނުންކުރުން: ކުއްލިއަކަށް މުޅި ކޮޓަރި ހިމޭންކޮށްލުމުގެ ބަދަލުގައި، ފަންކާއެއްގެ އަޑު ނުވަތަ ވާރޭ ވެހޭ އަޑު ފަދަ ގުދުރަތީ މަޑު އަޑުތައް ބޭނުން ކޮށްގެން ހިމޭންކަމަށް މަޑުމަޑުން ހޭނޭށެވެ.
ހިމޭން ކަމަކީ ސިކުނޑިއަށް އަރާމު ލިބި، އާ ހަކަތައެއް ލިއްބައިދޭ ކަމަކަށް ވާއިރު އަމިއްލަ ނަފްސާއެކު ހިމޭން ވަގުތު ކޮޅެއް ހޭދަ ކޮށްލަން ދަސްކުރުމަކީ ދިރިއުޅުމުގެ ސްޓްރެސް ނުހަނު ބޮޑަށް ކުޑަކޮށްދޭނެ ކަމެކެވެ.
އިސްލާމީ އުސޫލުތަކުގެ ތެރެއިން އީދު ފާހަގަކުރަން ގޮވާލައްވައިފި
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި
އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފި