ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ވައިރަލް މެނިންޖައިޓިސް ހަލުވިކަމާއެކު ފެތުރެމުންދާކަން އެ ގައުމުގެ ސިއްހީ އިދާރާތަކުން ކަށަވަރުކޮށްފި އެވެ. ހާއްސަކޮށް ސްކޫލް ކުދިންނާއި ޖަލުތަކުގެ ގައިދީންގެ މެދުގައި މި ބަލި ފެތުރެމުންދާތީ، ސިއްހީ ކުއްލި ނުރައްކަލުގެ އިރުޝާދުތައް ނެރެ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.
ލަންކާގެ ހެލްތު މިނިސްޓްރީގެ އިންފެކްޝަސް ޑިޒީޒް ކޮންޓްރޯލް ޑިވިޜަނުން ވަނީ މުޅި ގައުމުގެ ސިއްހީ މަރުކަޒުތަކަށް ހާއްސަ އިރުޝާދުތަކެއް ނެރެފަ އެވެ. ބަލި ފެތުރެމުންދާ ގޮތުގެ ރިޕޯޓްތަކަށް ބަލާއިރު، މިހާތަނަށް 150 އަށްވުރެ ގިނަ ސްކޫލް ކުދިންނަށް މި ބަލި ޖެހިފައިވާ ކަމަށް ނުވަތަ ބަލީގެ ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިހާތަނަށް އެ ބަލި ފެނިފައިވަނީ ލަންކާގެ ހަތަރު އަވަށަކުން ފެނިފައިވެއެވެ. އެއީ ދެނިޔާޔާ، ދިޔާޓަލަވާ، ކުރުނެގަލާ އަދި ކޭންޑީއިންނެވެ. މިހާތަނަށް ޖުމްލަ 203 މީހަކަށް ބަލި ޖެހިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ވަނީ ބުނެފަ އެވެ.
ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސެންޓްރަލް ޕްރޮވިންސުން 60 އެއްހާ ދަރިވަރުންނަށް ބަލިޖެހިފައިވާއިރު، އޫވާ ޕްރޮވިންސްގެ އެކި ހޮސްޕިޓަލްތަކުގައި 35 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރޭގައި ހާލު ސީރިއަސްވެގެން އައި.ސީ.ޔޫގައި ފަރުވާދެމުންދާ 11 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. ސަދަން ޕްރޮވިންސްގެ ދެނިޔާޔާ ސަރަހައްދުން ޝައްކު ކުރެވުނު 63 މީހުންގެ ތެރެއިން 32 މީހަކަށް ވައިރަލް މެނިންޖައިޓިސް ޖެހިފައިވާކަން ލެބޯޓްރީ ޓެސްޓްތަކުން ވަނީ ކަށަވަރުވެފަ އެވެ.
ހަމްބަންތޮޓާގެ އަންގުނަކޮލަޕެލެސްސަ ޖަލުގައިވެސް މި ބަލި ވަނީ ފެތުރެން ފަށާފަ އެވެ. 1,500 އަށްވުރެ ގިނަ ގައިދީން ތިބޭ މި ޖަލުން އެކަކު ކުއްލި ގޮތަކަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވަނީ މަރުވެފަ އެވެ. ނަމަވެސް އޭނާ މަރުވީ ސީދާ މި ބަލީގައި ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގައިދީން ކޯޓަށް ހާޒިރުކުރުން ވަގުތީ ގޮތުން މެދުކަނޑާލައި، ޝަރީއަތްތައް ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި އާ ގައިދީން ޖަލަށް ވެއްދުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި ބައްޔަކީ ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި، ފެނާއި، ކުޅުގެ ޒަރީއާއިން އަދި ގާތްކޮށް އުޅުމުގެ ތެރެއިން ފަސޭހައިން ފެތުރޭ ބައްޔެކެވެ. ހާއްސަކޮށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައާއި "ވެސަކް" އާ ގުޅިގެން މީހުން އެއްވެ އުޅޭ ތަންތަނުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވަނީ އިންޒާރު ދީފަ އެވެ.
މެނިންޖައިޓިސް އަކީ ސިކުނޑި އާއި މައިބަދައިގެ ނާރުތައް ވަށައިގެންވާ ރައްކާތެރި ދުލިތައް ދުޅަވުމެވެ. މިހާރު ފެތުރެމުންދާ ވައިރަލް މެނިންޖައިޓިސް އަކީ ބެކްޓީރިއަލް މެނިންޖައިޓިސްއާ އަޅާބަލާއިރު ނުރައްކާ ކުޑަ ނަމަވެސް، މިއީ އަވަސް ފަރުވާ ބޭނުންވާ ބައްޔެކެވެ.
ބަލީގެ އަލާމާތްތަކުގެ ތެރޭގައި:
- ކުއްލިއަކަށް ހުން އައުން
- ބޮލުގައި ގަދައަށް ރިއްސުން
- ކަރު ހަރަކާތްކުރަން އުނދަގޫވުން
- މޭނުބައިކުރުމާއި ހޮޑުލެވުން
- އަލި ބަލަން އުނދަގޫވުން
- އާދަޔާ ހިލާފަށް ނިދި އައުމާއި މާބޮޑަށް ވަރުބަލިވުން
- ހާސްވުން
ކުޑަކުދިންގެ ފަރާތުން ފެނިދާނެ އިތުރު އަލާމާތްތަކުގެ ތެރޭގައި މާބޮޑަށް ރުޅިގަދަވުން، ނުކެއުން، އޮށޯވެ އޮންނަން އުނދަގޫވުން އަދި ތުއްތު ކުދިންގެ ބޮލުން ބައެއް ދުޅަވުން ހިމެނެއެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ ބަލިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ގިނަގިނައިން އަތްދޮވުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލި ފެތުރޭ ސަރަހައްދުތަކުގައި ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށްވެސް ވަނީ އަންގާފަ އެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ބަލި އަވަހަށް ދެނެގަނެވި ފަރުވާ ފެށިއްޖެނަމަ، ގިނަ މީހުން ފަސްވަރަކަށް ދުވަހުގެ ތެރޭގައި ބަލިން ފަސޭހަވެއެވެ.
52 ވަނަ އެމެރިކަން މިއުޒިކް އެވޯޑްސް ބާއްވައިފި
އީރާނުގެ އިންޓަނެޓް އިއާދަކުރަން އެންގި ރިޔާސީ އިދާރާ ސަސްޕެންޑް
އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެއްޖެ