ޔާޝް ރާޖް ފިލްމްސްގެ ސުޕަހިޓް ފިލްމު "ސައްޔާރާ"އިން ބެލުންތެރިންގެ ހިތްތައް އަތުލި ޒުވާން ޖޯޑު އަހާން ޕާންޑޭއާއި އަނީތު ޕައްޑާ އަލުން އެކީގައި ބޮޑު ފިލްމަކުން ފެނުމަށް ތައްޔާރު ވެއްޖެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން މި ދެތަރިން މިހާރު ވަނީ މަޝްހޫރު ޑައިރެކްޓަރު މޯހިތު ސޫރީގެ ކުރިއަށް އޮތް ލޯބީގެ ފިލްމަށް ސޮއި ކޮށްފަ އެވެ.
"އާޝިގީ 2" އަދި "އެކް ވިލަން" ފަދަ ހިތްގައިމު ލޯބީގެ ފިލްމުތައް ގެނެސްދިން މޯހިތު ސޫރީގެ މި އާ ޕްރޮޖެކްޓަކީވެސް ޔަޝް ރާޖް ފިލްމްސް އިން ޒުވާނުންނަށް އަމާޒު ކޮށްގެން އުފައްދާ އަސަރުގަދަ މިއުޒިކަލް ރޮމޭންސް ފިލްމެކެވެ.
އަހާން އާއި އަނީތު އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ސައްޔާރާ" އިން އެ ދެމީހުންގެ މެދުގައި އޮތް ފުރިހަމަ ކެމިސްޓްރީ ވަނީ ބެލުންތެރިންނަށް ވަރަށް ކަމުގޮސްފަ އެވެ.
އެ ފިލްމަށް ލިބުނު ބޮޑު ތަރުހީބާއެކު ޔަޝް ރާޖްގެ މޭސްތިރި އަދިތުޔާ ޗޯޕްރާ އާއި ޑައިރެކްޓަރު މޯހިތު ސޫރީ ނިންމީ މި މަގުބޫލު ޖޯޑު އަލުން އެކީގައި މުޅިން ތަފާތު ލޯބީގެ ވާހަކަ އަކުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭށެވެ.
ބަތަލާ އަނަންޔާ ޕާންޑޭގެ ކޮއްކޮ އަހާން ޕާންޑޭއާއި އުންމީދީ ބަތަލާ އަނީތު ޕައްޑާއަކީ މިހާރު ބޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދެ ޒުވާން ތަރިންނެވެ.
ޑައިރެކްޓަރު މޯހިތު ސޫރީއަކީ އޭނާގެ ފިލްމުތަކުގެ ރީތި ލަވަތަކަށާއި، އަސަރުގަދަ ލޯބީގެ ވާހަކަތަކަށް މަޝްހޫރު ވެފައިވާ ފަރާތެކެވެ.
ހަބަރުތައް ބުނާ ގޮތުން މި ފިލްމުގެ ޝޫޓިންގް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު ކުރިއަށް ދަނީ ފިލްމުގެ ޕްރީޕްރޮޑަކްޝަން މަސައްކަތްތަކާއި، ލަވަތަކުގެ ރެކޯޑިންގްތަކުގެ މަސައްކަތެވެ.
"ސައްޔާރާ" އިން ބެލުންތެރިންގެ ބޮޑު ލޯތްބެއް ހޯދި މި ޖޯޑުގެ ދެވަނަ ފިލްމު ބަލާލުމަށް ބޮލީވުޑްގެ ފޭނުން ތިބީ ވަރަށް ބޮޑަށް އިންތިޒާރު ކޮށްގެންނެވެ.
ޑިޒްނީގެ "ޓޯއި ސްޓޯރީ 5"ގައި ޓޭލާގެ ލަވައެއް!
މީކާއިލް ރައީސް ސޯލިހާއެކު ރާއްޖޭގެ ހުރިހާ ސިޓީތަކަށް
ފުލުހުންގެ އިދާރީ އޮނިގަނޑު ބަދަލުކޮށްފި