ކުރާނެ މަސައްކަތެއް ނެތި ބޭކާރު ގޮތުގައި މުވައްޒަފުން ނެގި ކަމަށް ފެނަކައިން އެއްބަސްވެއްޖެ އެވެ.
ފެނަކައިގައި ތިބި 8,000 އެއްހާ މުވައްޒަފުންގެ ތެރެއިން އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް، ހަތަރު މަހުގެ މުސާރައިގެ އިނާޔަތާއެކު ވަކިވުމުގެ ފުރުސަތެއް މިހާރު ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ދީފަ އެވެ. ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ފޮނުއްވި މެމޯގައިވާ ގޮތުން، މި ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ 15:00 އާ ހަމައަށް އޮންނާނެ އެވެ.
މި ފުރުސަތު ދީފައި ވަނީ ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެތުމުގެ ސަބަބުން، އެކި ރަށްރަށުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުންނަށް އުފެއްދުންތެރި މަސައްކަތެއް ނުކުރެވި ވަގުތު ބޭކާރުވަމުންދާތީ ކަމަށް ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަފީފް މިއަދު ވިދާޅުވި އެވެ.
ހަމައެއާއެކު މުވައްޒަފުންގެ އޮނިގަނޑު އެކަށީގެންވާ ވަރަކަށް ތިރިކުރުމުން، ކުންފުނި ހިންގުމަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމަށް ބޭނުންވާ މާލީ ފުރުސަތު ކުންފުންޏަށް ތަނަވަސްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުވައްޒަފުންގެ އަދަދު ބޮޑުވުމުގެ ސަބަބުން މުސާރަ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި ކުރިމަތިވާ ހުރަސްތަކަށް ނިމުމެއް އައިސް، އެތެރޭގެ ހިންގުން ހަރުދަނާވާނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
ފެނަކައަކީ ވޭތުވެދިޔަ އަހަރުތަކުގައި، ހާއްސަކޮށް އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދައި، ކޮރަޕްޝަނާއި ގެއްލުމުގެ ތެރެއިން ހިންގަމުންދާ ކުންފުންޏެކެވެ. މިއަދު ރާއްޖޭގެ ސިވިލް ސާވިސް އަދި ސަރުކާރު ކުންފުނިތަކުގެ ޖުމްލަ މުވައްޒަފުންގެ އަދަދު 72,312 އަށް އަރާފައިވާއިރު، މިއީ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއަކާ އަޅާބަލާއިރު ދައުލަތަށް އުފުލަން އުނދަގޫ ބޮޑު ބުރައެކެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް ފެނަކައަށް ވަނީ އެތައް މުވައްޒަފުންނެއް ނަގައިފައެވެ.
ނަމަވެސް އިންތިހާބުތައް ނިމި، ބޭނުން ކެނޑުމުން އެ މުވައްޒަފުން ކަނޑާލާނެ ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން އޭރު ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި މިއަދު މި ފެންނަނީ އެ މަންޒަރު ހަގީގަތަކަށް ވާ ތަން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ސަރުކާރުގެ ކުންފުނިތަކުން ދެއްކި ހިއްސާގެ ފައިދާ %36 ދަށަށް
"ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި"