ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، ވެރިކަންކުރާ ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވެސް ވަކިކޮށްފި އެވެ.
ޕީއެންސީގެ އިސްބޭފުޅަކު ކިޔައިދިން ގޮތުގައި، ނާޒިމް އެ މަގާމުން ވަކިކުރީ މި މަހުގެ ދެ ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ސެނެޓް ބައްދަލުވުމުގަ އެވެ. ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި، ޕާޓީގެ ލީޑާޝިޕުން ނިންމި އެ ނިންމުން ސެނެޓަށް ހިއްސާކުރައްވާފައިވެ އެވެ. މި ފިޔަވަޅު އެޅީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ހަދާފައިވާ ސެނެޓް ހިންގުމުގެ ގަވާއިދުން ލީޑާޝިޕަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ވެސް އެބޭފުޅާ ވިދާޅުވި އެވެ.
ޕީއެންސީގެ އުސޫލުތައް އޮންނަ ގޮތުން، ދާއިރާއެއްގެ މަޖިލިސް މެންބަރަކީ އެ ޕާޓީގެ މެންބަރެއް ނަމަ، އެއްވެސް އިންތިހާބަކާ ނުލާ އެ ދާއިރާގެ ރައީސްކަން އޮޓަމެޓިކުން ލިބެނީ އެ މެންބަރަކަށެވެ. އަހްމަދު ނާޒިމަށް ވެސް ދިއްގަރު ދާއިރާގެ ރައީސްކަން ލިބިފައި އޮތީ އެ ހައިސިއްޔަތުންނެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕަށް ލިބިފައިވާ ހާއްސަ އިހްތިޔާރުގެ ދަށުން، މިހާރު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
މި މަގާމުން ވަކިކުރުމުގެ ކުރިން، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށްޓަކައި މިދިޔަ މަހުގެ 13 ވަނަ ދުވަހު މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ މަޖިލީހުގައި އޮއްވައި، މިދިޔަ މަހުގެ 31 ވަނަ ދުވަހު ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
ނާޒިމް އަށް އަލުން މިނިސްޓަރު ފެންވަރުގެ މަގާމެއް
