ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް، 19 ވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު އަސްލަމް ތާއީދުކުރައްވައިފި އެވެ.
މީކާއީލްގެ އިތުރުން ދެން ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަޑައިގަންނަވަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. ދެބޭފުޅުންގެ ވާދަވެރިކަން ޕާޓީގެ އެތެރޭގައި ވެސް ވަރަށް ބޮޑެވެ. މީގެ ތެރެއިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ހުންނެވީ މީކާއީލްގެ ފަހަތުގަ އެވެ.
އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާހެން މިހާރު މީކާއީލް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައި އިއްޔެ އަސްލަމް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އަދި އޭނާ ވަނީ މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.
އަސްލަމް ވިދާޅުވީ ވަކި މީހެއްގެ ފަހަތަށް އަރައި އަދި ވަކި މީހަކު ބުނާ ހުރިހާ ގޮތަކީ އަސާސީ ގަވާއިދުން ވެސް ބޭރު ގޮތް ގޮތް ކަމަށް ގަބޫލުކޮށްގެން ތިބެންވެއްޖެ ނަމަ އެމްޑީޕީ އަބަދުވެސް ތިބޭނީ "ބޯދާ ޒަމާނެއްގައި" ކަމަށެވެ. ނަމަވެސް ގާނޫނުތަކާއި ގަވާއިދުތައް ހަދައިގެން ތިބޭ ޒަމާނެއްގައި އެމްޑީޕީން ތިބެން ޖެހޭނީ އެއާ އެއްކޮށް ކުރިއަށް ދާން ކަމަށް ވިދާޅުވެ އަސްލަމް ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވައިފަ އެވެ.
"ބަޔަކާ އެއްކޮށް މުއާހަދާއެއް ހަދައިގެން ނަމަ އެ މުއާހަދާއެއް ހިފެހެއްޓުމަކީ އެ މުއާހަދާއެއްގެ މީހުންގެ މައްޗަށް އޮންނަ ވާޖިބެއް. އެއްދުވަހު އެއްގޮތަކަށް ވާހަކަދައްކާފައި، އަނެއް ދުވަހު އެހެން ގޮތަކަށް އަމަލުކުރެއްވީމާ އެހެން ކަމަކު ނުދާނެ. މިތާ އެހެން ނުހައްދަވާތި. އަޅުގަނޑު ތާއީދުކުރާނީ މީކާއީލަށް،" އަސްލަމް ވިދާޅުވި އެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސްކަން ކުރެއްވި ނަޝީދު، އެ މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އެވެ. އެއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި ވަކި ފެކްޝަނެއް އުފައްދައިގެން ނަޝީދު މަސައްކަތްކުރެއްވި ދުވަސްވަރެވެ.
ނަޝީދުގެ އިސްތިއުފާއަށް ފަހު ދެން އެ މަގާމަށް ހޮވިވަޑައިގަތީ އަސްލެމެވެ.
ޓްރަމްޕް އަނެއްކާވެސް ނަތަންޔާހޫއަށް އިންޒާރުދެއްވައިފި
އަމީނީ މަގުގައި އަލުން ތާރުއަޅަން ފެށޭނެ ދުވަހެއް ނޭނގޭ