އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ޕާޓީގެ ސަފުތައް އަލުން ރުކުރުވާލައި، މިހާރު އޮތް ސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު އައިސްޖެހިއްޖެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބު، ނަޝީދު ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާފަ އެވެ. މި ކާމިޔާބީއަށް މަރުޙަބާ ދަންނަވައި ޝާހިދު ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަހުން ބޭއްވި އެންމެ ބޮޑު އެތެރޭގެ ސިޔާސީ ހަރަކާތް ކަމަށެވެ. އަދި އިންތިހާބުގައި ޕާޓީގެ މެންބަރުންނާއި، ވޮލަންޓިއަރުންގެ އިތުރުން ވާދަކުރެއްވި ކެންޑިޑޭޓުން ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މިހާރުގެ އަމާޒަކީ އެމްޑީޕީގެ ރީނދޫ ލަޝްކަރު އަލުން އެކަތިގަނޑަކަށްވެ، އެންމެން އެކުގައި ނުކުމެ ސަރުކާރު ޖަވާބުދާރީކުރުވައި، އެމްޑީޕީގެ ވެރިކަމެއް އަނބުރާ ހޯދުމެވެ.
މި އިންތިހާބުގައި ނަޝީދާ ވާދަކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުމެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށެވެ.
މި އިންތިހާބު ބާއްވާފައިވަނީ ކުރިން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައްޔާޒު މި އިންތިހާބުގައި ތާއީދުކުރެއްވީ ރައީސް ނަޝީދަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި މި އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ބޮޑު ބަދަލަކަށް ބޭނުންވެފައިވާކަން ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފި އެވެ. މި އިންތިހާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ ތައްޔާރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ދެކެ އެވެ.
ޕާޓޭއަށް ކެނަޑާގެ ވިސާއެއް ނުލިބުނު، ފުރަތަމަ މެޗުގައި ނުކުޅެވޭނެ
ވޯލްޑް ކަޕްގެ ތަފާތު ދެ ގައުމަކަށް ކުޅޭ ދެބެއިން!
މަސައްކަތް ކުރާނީ ސޯލިހާ ގުޅިގެން: ނަޝީދު
