މާލޭގައި ހިންގާ ސަރުކާރު ސްކޫލެއްގެ ބަޖެޓުން އޮޅުވާލައިގެން ހިންގި ހިޔާނާތުގެ މައްސަލައާ ގުޅިގެން ތިން މުވައްޒަފެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ސްކޫލުން ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ބިދޭސީ މުވައްޒަފެއްގެ ނަމުގައި، އޭނާ ރާއްޖޭގައި ވެސް ނެތްއިރު ފާއިތުވި ފަސް އަހަރު ދުވަހު ގަވާއިދާ ހިލާފަށް ދިޔައީ މުސާރަ ނަގަމުންނެވެ.

މި މާލީ ޖަރީމާ ހިންގުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރު (އެޗްއާރް) އަދި ބަޖެޓު އޮފިސަރު ހިމެނޭހެން ތިން އިސް މުވައްޒަފަކު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ސަރުކާރުގެ މާލީ އިދާރާތަކުގެ އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، މި އޮޅުވާލުން ހިންގަން ފަށާފައި ވަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. އަދި ބިދޭސީ މީހާގެ މުސާރައިގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކަނޑަމުންދިޔަ ފައިސާ ޖަމާކުރަމުން ދިޔައީ ސްކޫލުގެ ބަޖެޓު އޮފިސަރާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންގެ އަމިއްލަ ބޭންކު އެކައުންޓްތަކަށެވެ. އެގޮތުން ފަސް އަހަރުގެ ތެރޭގައި މިގޮތަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ވަނީ ނަހަމަ ގޮތުގައި ނަގާފަ އެވެ.

މި މައްސަލަ ދިގުލައިގެން ގޮސްފައިވަނިކޮށް ފަޅާއެރީ، ސަރުކާރުގެ މުސާރައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްކޫލުތަކުގެ ޓީޗަރުންނާއި މުވައްޒަފުންގެ މުސާރަ އެޕްރޫވްކުރުމުގެ ބާރު ސީދާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއެކުގަ އެވެ. އެގޮތުން މިނިސްޓްރީގެ ދަށުން މުވައްޒަފުންގެ ލިސްޓުތައް ރެންޑަމްކޮށް ސުޕަވައިޒްކޮށް ޗެކްކުރުމުގެ ތެރެއިން، ވަޒީފާގައި ނެތް މީހަކަށް މުސާރަ ދޭކަން ފާހަގަކުރެވި، މިނިސްޓްރީން ވަނީ ވަގުތުން ފިޔަޅު އަޅަން ފަށާފަ އެވެ.

އިދާރީ ގޮތުންނާއި ވަޒީފާގެ ގޮތުން މި ތިން މުވައްޒަފުންނަށް ސީއެސްސީން ހަރުކަށި ފިޔަވަޅު އަޅައި، އޭސީސީން މިހާރު ޚިޔާނާތުގެ ތަހުގީގު ހިންގަމުންދާއިރު، މި މައްސަލައިގެ ޖިނާއީ ވައްކަމުގެ ބައި ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް ބަލަން ފެށިކަމެއް އަދި ސާފެއް ނުވެ އެވެ.