ރޯދަމަހުގެ ދުވަސްތައް ގުނަމުން ގޮސް އެ މަސް އަލްވަދާއު ކިޔަން ދެން މާގިނަ ދުވަހެއް ނެތެވެ. އެއަށްފަހު ދެން އޮންނާނީ އީދުގެ މަޖަލާއި ފޯރި އެވެ.
އީދަކީ އަހަރެމެން މުސްލިމުންނަށް އަންނަ ހާއްސަ މުނާސަބަތެކެވެ. އެކަމަކާ ގުޅުގެން އަޅުގަނޑުމެންގެ މެދުގައި ގިނަ ސަގާފަތްތަކެއް ހަރުލާފައިވާ މުނާސަބަތެކެވެ.
އެގޮތުން އީދު ހެދުން ހޯދުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަ އެކެވެ. އުމުރެއް ޖިންސެއް ފަރަގުކުރުމެއް ނެތި އެންމެން ވެސް ކުރަމުން އަންނަ ކަމެކެވެ.
ރޯދަމަހުގެ ފަހު ދިހައަކަށް އެޅުމާއެކު މަޖީދީމަގުގެ ހެދުން ފިހާރަތަކަށް ބާރު ބޮޑުވެ އެވެ. ނަން ހިނގާ މަޝްހޫރު ފޮތި ފިހާރަތަކުގެ ވިޔަފާރި ރަނގަޅުވެ އެވެ.
އަންހެން ބައެއް ކަނބަލުން ރެޑީމޭޑް ހެދުންތައް ހޯދާއިރު އަނެއްބައި ކަނބަލުން ބޭނުން ވަނީ ހޮވާފައިވާ ވަކި ޑިޒައިނަކަށް ހެދުން ފައްސާށެވެ. އެހެންކަމުން މި ދުވަސްވަރަކީ މާލޭގެ ހެދުން ފަހާ ތަންތަނަށް ވެސް ތިޔާގި ދުވަސްވަރެކޭ ބުނެވިދާނެ އެވެ.
މިކަމުގައި އުމުރަކަށް ބެލުމެއް ނެތެވެ. އެންމެ ތުއްތު ކުދިން ވެސް އާ ހެދުން ލައްވާ އީދުފަރި ކުރުވުމަކީ މައިންބަފައިން ވަރަށް ލޯބިން ކުރާ ކަމެކެވެ. ތަފާތު ކުލަކުލައިން އެކި ޖަރީތައް ހިމަނައިގެން ފަހާ ހެދުންތަކުގައި އެކުދިން ފެންނަނީ އިހުނަށްވުރެ ޗާލު ކޮށެވެ.
ފިރިހެން ބޭފުޅުން ވަކި ދޫކުރާނެ ހެއްޔެވެ؟ ފިހާރައަކަށް ފަހު ފިހާރައެއް ބަލަނީ އެންމެ ރީތި ގަމީސް ފެނޭތޯ އެވެ. މާލެ ހުސްކޮށް ބާޒާރު ކުރެވެނީ އެދުވަހުގެ އީދު ނަމާދަށް އެންމެ ފުރިހަމައަށް ތައްޔާރުވާށެވެ.
އީދު ދުވަހު އާ އަންނައުނު ބޭނުންކުރުމަކީ އިސްލާމް ދީނުގައި ވެސް ސުންނަތެކެވެ. އީދު ނަމާދަށް ޒީނަތްތެރިވުމަކީ އަހަރެމެންގެ ރަސޫލާ ބާރުއަޅުއްވާފައިވާ ކަމެކެވެ.
އެހެންކަމުން މިއީ ގޯސް އާދައެކޭ ބުނެވޭކަށް ނެތެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ މިކަމުގައިވެސް އިސްރާފު ނުކުރުމެވެ. ކިބުރުވެރިކަމާއި ބޮޑާކަން އިސް ނުކުރުމެވެ. އީދު ދުވަހު ސާދާ ރިވެތި އަންނައުނުން ޒީނަތްތެރިވުމެވެ.