މީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، ކުދިންގެ ކިބައިން ފެންނާނީ، ހުރިހާ ފަރާތްތަކުން ވެސް ކުދިންނަށް ލޯތްބާއި އޯގާތެރިކަން ބެހެއްޓި މިންވަރަކުން ކަމަށް ވާތީ، ލޯތްބާއި އޯގާތެރިކަމާއެކު ކުޑަކުދިން ބަލައި ބޮޑުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގެންފައި ވަނީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުދިން މުޖްތަމައަށް ބޭނުންތެރި، އަދި މުޖްތަމައުގައި ބަސްވިކޭ ބަޔަކަށް ހެދޭނީ، ހުރިހާ ފަރާތްތަކުން ވެސް މީހުންނާ ކުރާ މުއާމަލާތުތަކުގަ އާއި ގޭތެރޭގަ އާއި ބޭރުގައި އުޅޭ އުޅުމުގައި ވެސް، ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމަށެވެ.

ސަރުކާރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެ ކުދިންނަށް އިޖްތިމާއީ ރައްކާތެރިކަމާއި އަދުލު އިންސާފު ހޯދައިދިނުމަށް ކުރައްވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ، ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާ ހިމެނޭ ގޮތުން، މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ހިތޯބު ނިންމަވާލައްވަމުން ވެސް އެ މަނިކުފާނު ވަނީ އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހޭނުވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދިނުމަށް ރައީސް ސާލިހު ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދުގެ ހިތޯބުގައި ރައީސް ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ރާއްޖޭގެ އެންމެހާ ކުޑަކުދިންނަށާއި، އެ ކުދިންގެ ލޯބިވާ މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި ބަލަދުވެރިންނަށާއި، އެކުދިންގެ އާއިލާތަކަށާއި، އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ފޮނުވާފަ އެވެ.