ދަރިން ހޯދަން މަސައްކަތްކުރާ ދެމަފިރިންގެ ދިރިއުޅުމަކީ ގިނަ ފަހަރަށް ވަރަށް ބޮޑަށް ސްޓްރެސް އަދި އެންޒައިޓީއާ ކުރިމަތިލާންޖެހޭ ދިރިއުޅުމެކެވެ.
ބިސް އުފެދޭ ދުވަސްވަރު ބެލުމާއި، އެކިކަހަލަ ޓެސްޓުތައް ހެދުމުގެ އިތުރުން، ދަރިމައިނުވެ ލަސްވާނަމަ ކުރިމަތިވާ ނަފްސާނީ ފިއްތުންތަކަކީ އާއްމު ކަމެކެވެ. ނަމަވެސް، މިފަދަ ޖަޒުބާތީ ކަންބޮޑުވުންތަކުގެ ސަބަބުން ހަށިގަނޑަށާއި، ދަރިމައިވުމަށް ހަގީގަތުގައިވެސް ނޭދެވޭ އަސަރެއް ކުރޭ ހެއްޔެވެ؟
ގޯޑިއަމް އައި.ވީ.އެފްގެ ޗެއާޕާސަން އަދި މެނޭޖިންގ ޑިރެކްޓަރ ޑރ. މަނިކާ ހަންނާ ވިދާޅުވާ ގޮތުގައި، ސްޓްރެސްގެ ސަބަބުން ދެމަފިރިންގެ ދަރިމައިވުމުގެ ނިޒާމުގެ ސިއްހަތަށް ބަދަލުތަކެއް އާދެ އެވެ.
އަންހެނުންގެ ހަށިގަނޑަށް ކުރާ އަސަރުތަކަށް ބަލާއިރު ދާއިމީކޮށް ސްޓްރެސްވުމުގެ ސަބަބުން ހަށިގަނޑުގައި "ކޯޓިސޯލް" ކިޔާ ހޯމޯނެއް އުފައްދާ މިންވަރު މާބޮޑަށް އިތުރުވެ އެވެ.
ޑޮކްޓަރު ވިދާޅުވާ ގޮތުގައި، ކޯޓިސޯލް ގިނަވުމުން، ބިސް އުފެދުމަށް ކޮންޓްރޯލްކުރާ ސިކުނޑީގެ މުހިންމު ބައެއް ކަމަށްވާ 'ހައިޕޯތަލަމަސް'ގެ މަސައްކަތަށް ބުރޫއަރަ އެވެ. އަދި ބިސް އުފެދުމަށާއި ބޮޑުވުމަށް އެހީތެރިވެދޭ މައިގަނޑު ދެ ހޯމޯން ކަމަށްވާ އެފް.އެސް.އެޗް އަދި އެލް.އެޗްގެ މިންވަރަށް ބަދަލު އައިސް، ގުދުރަތީ ގޮތުން ބަލިވެއިނުމަށް ނަގާ ވަގުތު ދިގުލައިގެންދެ އެވެ.
އަންހެނުންނެކޭ އެއްފަދައިން، ސްޓްރެސްގެ ސަބަބުން ފިރިހެނުންގެ ދަރިމައިވުމުގެ ސިއްހަތަށްވެސް އެންޒައިޓީއާއި ސްޓްރެސްގެ ނޭދެވޭ އަސަރުތައް ކުރެ އެވެ. ދާއިމީކޮށް ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ 'ޓެސްޓޮސްޓެރޯން' ހޯމޯންގެ މިންވަރު ދަށްވެ އެވެ.
މީގެ ސަބަބުން ސީދާ ގޮތެއްގައި ދަރިފަނި އުފެދޭ މިންވަރު މަދުވެ އެވެ. ހަމައެހެންމެ، އޭގެ ހަރަކާތްތެރިކަން ނުވަތަ ދަރިފަނި ދަތުރުކުރާ ބާރުމިން (މޯޓިލިޓީ) ދަށްވެ، ބަލިވެ އިނުމަށް އިތުރު ހުރަސްތަކާ ކުރިމަތިލާންޖެހެ އެވެ.
ދެން އުފެދޭ ސުވާލަކީ އެހެން ކަމަށްވާނަމަ ހަމައެކަނި ސްޓްރެސްގެ ސަބަބުން މުޅިން ދަރިމައިނުވުމުގެ މައްސަލަ ކުރިމަތިވޭތޯ ކުރެވޭ ސުވާލެވެ. ޑރ. މަނިކާ ވިދާޅުވާ ގޮތުގައި މީގެ ޖަވާބު ދޭން ޖެހޭނީ ތަންކޮޅެއް ފުޅާ ދާއިރާއެއްގަ އެވެ.
ހަމައެކަނި ސްޓްރެސް އަކުން މުޅިން ދަރިމައިނުވާ ގޮތެއް ނުވެ އެވެ. ނަމަވެސް، ސްޓްރެސްގެ ސަބަބުން މީހާގެ ދިރިއުޅުމުގެ އާދަތަކަށް އަންނަ ނޭދެވޭ ބަދަލުތަކަކީ މީގެ އަސްލެވެ. އެންޒައިޓީގެ ސަބަބުން ރޭގަނޑުގެ ނިދި މަދުވުމާއި، ކެއިންބުއިމުގެ އާދަތައް ގޯސްވުމާއި، ދެމަފިރިންގެ ގުޅުން ހީނަރުވުން އަދި ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް އަމަލު ނުކުރުން ފަދަ ކަންކަން މެދުވެރިވެ އެވެ. ދަރިމައިވުމުގެ ފުރުސަތު ކުޑަވަނީ ސިއްރު ސިއްރުން ހަށިގަނޑަށް ގެއްލުންދޭ މި ނުރަނގަޅު އާދަތައް ދެމިގެންދާނަމަ އެވެ.
ދަރިން ހޯދަން މަސައްކަތް ކުރާއިރު 100 އިންސައްތަ ސްޓްރެސް ފިލުވާލުމަކީ ވާނެކަމެއް ނޫނެވެ. ނަމަވެސް، ދުވަހުގެ އާދަތަކަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން ސްޓްރެސް މެނޭޖް ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން 10 މިނެޓު ވަންދެން ސިކުނޑި ހަމަޖައްސާލައިގެން ފުންކޮށް ނޭވާލުމުގެ ކަސްރަތު ކުރުމާއި، ހިނގާލަން ދިއުން ނުވަތަ ޔޯގާ ފަދަ ލުއި ކަސްރަތެއް ކުރުން މުހިންމެވެ. މީގެ އިތުރުން، ދެމަފިރިން އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، ކަންކަމާ މެދު ހުޅުވާލައިގެން ވާހަކަ ދެއްކުމަކީ ދެމަފިރިންގެ ވެސް ނަފްސާނީ ބުރަކަން ކުޑަކޮށްދޭނެ ކަމެކެވެ.
ކޮންމެއަކަސް، ދަރިމައިވުމަށް ކުރާ ދަތުރަކީ ކެތްތެރިކަން ބޭނުންވާނެ ދަތުރެކެވެ. އަމިއްލައަށް އެންޒައިޓީ ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ކަންކަން ދާނަމަ، ޕްރޮފެޝަނަލް ކައުންސެލަރެއްގެ އެހީތެރިކަން ހޯދުމަކީ ލަދުވެތި ވާންޖެހޭ ކަމެއް ނޫނެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ދޭ ސަމާލުކަމެކޭ އެއްގޮތަށް، ސިކުނޑިއަށްވެސް އަރާމުދީ ހާސްކަމުން ދުރުވުމަކީ ކާމިޔާބުކަމާއެކު ދަރިމައިވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
ނޯޓު: މިއީ މައުލޫމާތު ފޯރުކޮށްދިނުމަށް ލިޔެފައިވާ ލިޔުމެކެވެ. ސިއްހީ ކަމަކާ ގުޅޭގޮތުން ލަފާ ހޯދުމަށް އަބަދުވެސް ޑޮކްޓަރެއްގެ އެހީތެރިކަން ހޯއްދަވާށެވެ.
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމް
ފަހު ވަގުތު މާޓިނެލީ ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް