ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭގެ ދެ ލަނޑާއެކު ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ރޭ ސްވިޑަން އަތުން 3-0 އިން މޮޅުވެ، ފްރާންސް މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު، އެމްބާޕޭ ވަނީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗުތަކުތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހޯދައިފަ އެވެ.

އެމެރިކާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، ފްރާންސަށް ލީޑު ހޯދައިދިނީ އެމްބާޕޭ އެވެ. ދެވަނަ ހާފުގައި އޭނާ އިތުރު ލަނޑެއް ޖެހިއިރު، ފްރާންސްގެ ފޯވަޑް ބްރެޑްލީ ބާކޮލާ ވެސް ވަނީ ރޭގެ މެޗުގައި ލަނޑު ޖަހައިފަ އެވެ.

މި މެޗުގެ ޖެހި ދެ ލަނޑާއެކު، އެމްބާޕޭ ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ ހަ ލަނޑު ހަމަކޮށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އެއްވަރުކޮށްފަ އެވެ.

ވޯލްޑް ކަޕްގައި އެމްބާޕޭ ވަނީ މިހާރު ޖުމްލަ 18 ލަނޑު ޖަހައިފަ އެވެ. ނަވާރަ ލަނޑާއެކު މި ލިސްޓުގެ ކުރީގައި އޮތީ މެސީ އެެވެ.

ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ ރެކޯޑް އެމްބާޕޭ ހޯދީ ޖުމްލަ 10 ލަނޑު ޖަހައިފަ އެވެ.

ގަދަ 16ގެ ބުރުގައި ފްރާންސް ނުކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.