ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހީބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނޫންތޯ ކަނޑައެޅުމަށް ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ. ނަމަވެސް ޝުޖާއުގެ މައްސަލާގައި އެކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމަށްފަހު، ޝުޖާއުއަކީ އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝުޖާއު އަކީ ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި އިންތިހާބުވި ބޭފުޅެކެވެ. އެ ޕާޓީ އުވާލުމުން އޭނާ ވަނީ ކުރިން ވެސް އޭނާ ހުންނެވި ޕާޓީ، އެމްޑީޕީއާ ގުޅިފަ އެވެ.

އެލްޖީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، އޭނާ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19 ގައި ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް އަންގާފައިވާ ކަމަށެވެ. ޖޫން 30، 2026 ގައި ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ނިންމާފައިވަނީ ޝުޖާއުގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.