މިޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން، އޮފީސްތަކުގައި ގިނަ ވަގުތު އިށީނދެގެން ތިބެގެން މަސައްކަތްކުރާ މީހުންނަށް ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ލޭގެ ޕްރެޝަރު މަތިވުން ނުވަތަ ހައިޕަޓެންޝަން އެވެ. މުމްބާއީގެ ސައިފީ ހޮސްޕިޓަލުގެ އިމަޖެންސީ މެޑިކަލް ސާވިސަސްގެ ހެޑް، ޑރ. މުރުތަޒާ އެސް. ބަގްވާލާ ވިދާޅުވާ ގޮތުގައި، އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޒުވާނުންނާއި މެދު އުމުރުގެ މީހުން މިހާރު ދަނީ މި ބަލީގެ ޝިކާރައަކަށް ވަމުންނެވެ.
ޑޮކްޓަރުން ލޭގެ ޕްރެޝަރު މަތިވުން ސިފަ ކުރަނީ "ހިމޭން ބައްޔެއް"ގެ ގޮތުގައެވެ.އެއީ ބަލީގެ ކުރީކޮޅުގައި ހަށިގަނޑުން އެއްވެސް ކަހަލަ ސާފު، ފާހަގަކުރެވޭ އަލާމާތެއް ނުފެންނާތީ އެވެ. ގިނަ ފަހަރަށް ބަލި ހުރިކަން އެނގެނީ ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ބަލި މާ ބޮޑަށް ބޮއްސުންލައިގެން ދާ ފަހުންނެވެ.
އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށް ބޮލުގައި ރިއްސުން، ބޯއެނބުރުން، ވަރުބަލިވުން، ނިދިނުލިބުން، އަދި ނޭވާ ކުރުވުން ފަދަ ކަންކަން ދިމާވުމުން، ގިނަ ފަހަރަށް އެއީ އޮފީހުގެ މަސައްކަތް ބުރަ ވުމުން ނުވަތަ "ސްޓްރެސް" ވުމުން ދިމާވާ ކަމެއް ކަމަށް ހީކޮށް ދޫކޮށްލެވެ އެވެ.
ނަމަވެސް، ޑރ. ބަގްވާލާ އިންޒާރު ދެއްވާ ގޮތުގައި މިއީ ހަށިގަނޑުގައި ލޭގެ ޕްރެޝަރު މަތި ވުމުގެ އަލާމާތްތަކަށް ވުން ވަރަށް ގާތެވެ. މި އަލާމާތްތަކަށް ފަރުވާނުދީ ގިނަ ދުވަސްވުމުން ހިތް، ސިކުނޑި، ކިޑްނީ އަދި ލޮލަށް ދާއިމީ ގެއްލުންތައް ލިބެ އެވެ.
މި ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އޮފީސް މާހައުލުގައި ހުންނަ ނަފްސާނީ ބުރަކަމާއި ސްޓްރެސް އެވެ. މަސައްކަތުގެ "ޑެޑްލައިން"ތަކުގެ ފަހަތުން ދުވުމާއި، ގިނަ ވަގުތު ލެޕްޓޮޕް ކުރިމަތީގައި އިށީނދެގެން އިނުމާއި، ޖިސްމާނީ އެއްވެސް ހަރަކާތެއް ނެތި ގިނައިރު ވުމަކީ ލޭ ދައުރު ވުމަށް ބުރޫ އަރުވާ ކަންކަމެވެ. މީގެ އިތުރުން، ސައި ބޯ ގަޑިތަކުގައި މާ ގިނައިން ކެފެއިން (ސައި/ކޮފީ) ބުއިމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، އަދި ބޭރުން ކާ ކެއުންތަކުގައި ލޮނު ގިނަ ވުމަކީވެސް މި ނުރައްކާ ބޮޑުކޮށްދޭ ކަންކަމެވެ.
މިކަމުން ސަލާމަތްވުމަށްޓަކައި ޑޮކްޓަރުން އިރުޝާދު ދެއްވަނީ އުމުރުން 30 އަހަރުން މަތީގެ ކޮންމެ މީހަކުވެސް، ހާއްސަކޮށް އޮފީސްތަކުގައި މަސައްކަތްކުރާ މީހުން، ގަވާއިދުން ހެލްތު ޗެކަޕް ހެދުމަށެވެ.
މީގެ އިތުރުން، އާއިލާގައި ލޭމަތީގެ މައްސަލަ ހުންނަ މީހުންނާއި، ހަކުރުބަލި ހުންނަ މީހުން ނުވަތަ ބަރުދަން މަތި މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލު ވާންޖެހެ އެވެ.
އޮފީސް ގަޑިތަކުގައިވެސް ކޮންމެ ގަޑިއަކުން އެއްފަހަރު ތެދުވެ ކުޑަކޮށް ހިނގާލުމާއި، ކެއުމުގައި ލޮނާއި ތެޔޮ މަދު ކުރުމާއި، އަދި ދުވާލަކު މަދުވެގެން 30 މިނެޓުގެ ކަސްރަތެއް ކުރުމަކީ މި "ހިމޭން ބަލި"ން ސަލާމަތްވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.
މަސައްކަތަށް ދޭ ސަމާލުކަމާ އެއްވަރަށް އަމިއްލަ ސިއްހަތަށް ސަމާލުކަން ދިނުމަކީ ދިގު މުއްދަތަކަށް ދިރިއުޅުން އުފާވެރިކޮށް ބެހެއްޓޭނެ ހަމައެކަނި މަގެވެ.
ދެން ދުވަހަކު ވެސް ޑައިރެކްޓެއް ނުކުރާނަން: މަހޭޝް
ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން ގޮވާލައްވައިފި