ސްރީލަންކާގެ ޖަލެއްގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކެއްގައި 20 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

އެގައުމުގެ ލޯކަލް މީޑިއާތަކާއި ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް ކޮލަމްބޯއާ ގާތްގަނޑަކަށް 35 ކިލޯމީޓަރު އުތުރުގައި އޮންނަ ނިގަމްބޯ ޖަލުގައި މި ހަމަނުޖެހުންތައް ފެށުނީ އާދީއްތަ ދުވަހު އެވެ. އަދި ހޯމަ ދުވަހާ ހަމައަށްވެސް މި ކުރިމަތިލުންތައް ކުރިއަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި 16 ގައިދީއަކާއި ޖަލު ބަލަހައްޓާ 4 އޮފިސަރަކު ވަނީ މަރުވެފަ އެވެ.

ނިގަމްބޯ ހޮސްޕިޓަލުގެ ޑިރެކްޓަރު ޕުޝްޕާ ގަމްލާތު އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލަށް މިހާތަނަށް 20 މީހެއްގެ ހަށިގަނޑު ވަނީ ގެންގޮސްފަ އެވެ. މީގެ އިތުރުން، ޒަހަމްވި 100 އަށްވުރެ ގިނަ ގައިދީންނާއި ޖަލު އޮފިސަރުންނަށް އެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ ތަރުޖަމާނު ޗަންދަނާ ހެރާތު ވަނީ ޖަލުގައި ކުރިމަތިލުންތަކެއް ހިނގައި މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ލަންކާގެ ދެރަނަ ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ޖަލު ސަރަހައްދުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަދި ޒަހަމްވި ގައިދީން ގޮވައިގެން ފުލުހުންގެ ބަހެއް ޖަލުން ނުކުމެގެންދިޔައިރު، ބައެއް ގައިދީން ބަސް ތެރޭގައި ވެއްޓިފައި ތިބި މަންޒަރު ވެސް ފެނިފައިވެއެވެ.