އެކި މީހުން މަޝްހޫރު ވަނީ އެކި ގޮތަށެވެ. ސޯޝަލް މީޑިއާގެ އިންގިލާބާއެކު ވަރަށް ކުޑަ ކަމަކުން ވެސް މީހާ "އޯވަނައިޓް" ސްޓާރަކަށް ބަދަލުކޮށްލަ އެވެ. ރަނޫ މަންޑަލް އަކީ ވެސް އެފަދަ މީހެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާނޫ މަޝްހޫރުވެގެން ދިޔައީ ރާނާގަޓް ރެއިލްވޭ ސްޓޭޝަންގައި އިނދެ ލަތާ މަންގޭޝްކަރްގެ ލަވަ އެއް ކިޔާ ތަން މީހަކު ވީޑިއޯ ކުރުމަށް ފަހު ސޯޝަލް މީޑިއާ އަށް ދޫކޮށްލި ހިސާބުންނެވެ. އެހިސާބުން މަޝްހޫރުކަން އަރާ އާސްމާނުގައި ޖެހި އެންމެ ދުވަހެއްގެ ތެރޭގައި ރާނޫގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔަ އެވެ. އަދި އޭގެ ފަހުން އޭނާގެ ހުރިހާ ހަރަކާތެއް މީޑިއާތަކުގެ ފަލަ ސުރުހީ އިން ޖާގަ ހޯދަ އެވެ.

މި މަޝްހޫރު ކަމާއި އެކު އޭރު އޭނާ އަށް ވަނީ ހިމޭޝް ރޭޝަމިޔާގެ ފިލްމަކަށް ތިން ލަވައެއް ރިކޯޑު ކުރުމުގެ ފުރުސަތު ވެސް ލިބިފަ އެވެ. އެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ތޭރީ މޭރީ ކަހާނީ" ލަވައިގެ މަޝްހޫރުކަން ވަކިން ބޮޑުވެގެން ދިޔަ އެވެ.

ރާނޫގެ ތަރި މިހާރު އޮއްސިއްޖެއޭ ބުނުމުގެ ޖާގަ އެބައޮތެވެ. ސަބަބަކީ މި ފަހަކަށް އައިސް އޭނާ އާއި ބެހޭ އެއްވެސް ވާހަކައެއް މީޑިއާގައި ނުދެކެވުމާއި އޭނާ ވީ ހިސާބެއް ވެސް މީހުންނަށް ނޭނގޭތީ އެވެ.

ބައެއް މީހުން ބުނާގޮތުން ރާނޫގެ ތަރި އޮއްސެން މެދުވެރިވީ ލިބުނު މަޝްހޫރުކަމާއި އެކު "ފެންވަރު އޮޅުމުންނެވެ". އެގޮތުން އޭނާ ވަނީ ލިބުނު ކާމިޔާބީއާއެކު ކުރިން ދިރިއުޅުނު ގެ ދޫކޮށް، އާ ގެއަކަށް ބަދަލުވެފަ އެވެ. އެހެން ނަމަވެސް ކޮރޯނާވައިރަސް ޕެންޑެމިކާއެކު ރާނޫ އެނބުރި ކުރީގެ ގެއަށް ބަދަލުވި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ބައެއް ރިޕޯޓުތަކުން ބުނާގޮތުން ބޮލީވުޑުން ރާނޫއަށް މާބޮޑު މަސައްކަތެއް ނުލިބޭ ކަމަށާއި މިހާރު އޭނާ އުޅެނީ މާލީގޮތުން ވެސް ވަރަށް ދަތިކޮށް ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާނު އޭނާގެ ފޭން އަކާ ވަރަށް ހިތްހަމަ ނުޖެހިފައި ވަހަކަދެއްކި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެގޮތުން އެ މީހާ ރާނޫގެ ކޮނޑުގައި ކޮއްޓާލުމަށް ފަހު ސެލްފީއެއް ނެގުމަށް އެދެ އެވެ. އޭގެ ބަދަލުގައި ރަނޫވަނީ އެ މީހާގެ ކޮނޑުގައި ކޮއްޓާލުމަށް ފަހު ރުޅިވެރިކަމާއި އެކު "މިއީ ދެން ކޮންކަމެއްހޭ؟" ސުވާލުކޮށްފަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ރާނޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި މަޝްހޫރުކަން ލިބުނީމާ ކުރިން އުޅުނު ދިރިއުޅުން މަތިން ހަނދާން ނައްތާލީ ކަމަށް ގިނަ ބަޔަކު ބުންޏެވެ.

ލޮކްޑައުން ތެރޭގައި ރާނުގެ މާބޮޑު ހަބަރެއް ނުވިޔަސް، ޔޫޓިއުބް ވީޑިއޯއަކުން ފަގީރުންނަށް އެހީވަނިކޮށް ފެނިފައި ވެއެވެ. އޭގެ ތެރެއިން ބައެއް މީހުން ރާނޫގެ ގެއަށް ވެސް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެމީހުންނަށް ފައިސާ ދިނުމުގެ އިތުރަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަނެދީފައިވެ އެވެ.

އެހެން ނަމަވެސް މިހާރު ރިޕޯޓުތައް ބުނަނީ ރާނޫ މަންޑަލް ވަނީ ފަގީރު ހާލުގައި ކަމަށާއި އޭނާއަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. ވަރަށް ގިނަ މީހުން ބުނަމުންދާ ގޮތުގައި ރާނޫ މަންޑަލްގެ ވެއްޓުމަކީ މަޝްހޫރުކަން ލިބުމަށް ފަހު ކުރީގެ ދިރިއުޅުން ހަނދާން ނައްތާލުމުގެ ހިތި ނަތީޖާ އެވެ. އެހެން ނަމަވެސް މިއީ އަދި ރާނޫގެ ނިމުމަކަށް ނުވެވެސް ހިނގައިދާނެ އެވެ. ކުރިއަށް އޮތްތާ ވާގޮތެއް ބަލަން ތިބެމާ ދޯ އެވެ؟