މީގެ މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެން ކިޔުންތެރިންނާ ސުވާލެއް ކުރީމެވެ. ކުރިއަށް އޮތް މާތް މައްސަރަށް ތައްޔާރުތޯ ކުރެވުނު ސުވާލެވެ. އެ މައްސަރުގައި އަޅުކަމުގައި ޝާމިލްވެ އުޅުމަށް ތައްޔާރުތޯ ކުރެވުނު ސުވާލެވެ.

އޭގެ އެއްމަސް ދުވަސް ފަހުން މި އޮތީ އެހެން ސުވާލެކެވެ. ބަރަކާތްތެރި ރޯދަމަހަށްފަހު އަޅުގަނޑުމެންނާ ބައްދަލުކުރާ ފިތުރު އީދަށް ތައްޔާރުތޯ ކުރެވޭ ސުވާލެވެ.

މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަހެވެ. އެހެންކަމުން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އީދުގެ މަގްސަދު އެއާނުލައި ފުރިހަމަ ނުވާނެ ކަންކަމެވެ.

ފިތުރު ޒަކާތް ދައްކައިފިން ހެއްޔެވެ؟ ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ އެންމެންގެ ފަރާތުން ނެރެންޖެހޭ މި ޒަކާތަކީ އީދަށް ތައްޔާރު ވުމުގެ އެންމެ ފުރަތަމަ ފިޔަވަޅެވެ. މިކަން ނުކޮށްވާނަމަ އަވަސްވެގަންނާށެވެ. އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރޭށެވެ.

އީދަކީ ހެޔޮ އަމަލުތަކުގެ ނިމުމެއް ނޫނެވެ. ރަމަޟާން މަސް ނިމުމާއެކު މިސްކިތުގެ ސަފުތައް ފަޅުވިޔަ ނުދޭށެވެ. ފަރުޟު އަޅުކަންތަކާއި ސުންނަތްތަކަށް ރަމަޟާން މަހު ދިން އަހައްމިއްޔަތުކަން ކުރިއަށް އޮތް ތަނުގައި ވެސް ދިނުމަށް މި އީދު ދުވަހު އަޒުމް ކަނޑައަޅާށެވެ.

މި އީދުގައި ފަގީރުންނާއި މިސްކީނުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އެހެނީ އެމީހުން އީދުގެ އުފަލުގައި ބައިވެރިކުރުމަކީ އީދުގެ އެންމެ މާތް އެއް މަގްސަދެވެ. ތިޔަބޭފުޅުންގެ ސުފުރާތަކުން އެ މީހުންނަށް ސަދަގާތް ކުރާށެވެ. މި އީދުގެ އުފަލުގައި ޔަތީމުންނާއި މިސްކީނުން ބާކީ ނުކުރާށެވެ.

މިކަންކަމަކީ އީދު ދުވަހާ ކުރިމަތިލާއިރު އަޅުގަނޑުމެންގެ ސިކުނޑިއަށް ގެންނަންވީ ކަންކަމެވެ. އެއާމެދު ފިކުރުކޮށް އަމަލު ކުރަންވީ ކަންކަމެވެ. އީދުގެ ބަރަކާތް އޮތީ އެގޮތުގެ މަތިންނެވެ. އީދަށް ތައްޔާރު ވެވޭނީ އޭރުންނެވެ.