އައްޑޫ ސިޓީ ކައުންސިލުން ސަވާހިލި ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުއްލި ގޮތަކަށް އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރައްވައިފި އެވެ.

ފޭދޫ އަދި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހިލި، މުނިފޫހިފިލުވުމާއި ހިތްހަމަޖައްސާލުމުގެ ހިދުމަތްތައް ދޭ ތަނެއްގެ ގޮތުގައި ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް، ކައުންސިލުން މިކަން އިއުލާންކޮށްފައި ވަނިކޮށް، ރޭ ދަންވަރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެންނަވައި، އެ އިހުތިސާސުން ސަވާހިލި ވަކިކުރައްވައި ގަރާރެއް ނެރުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ސީދާ ވަކި ބޭނުމެއް ބަޔާންކޮށްފައި ނުވި ނަމަވެސް، ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރީ ފަތުރުވެރިކަމުގެ ބޭނުމަށެވެ. އަދި ޗާޓުގައި ސަވާހިލި ފާހަގަކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައެވެ. އެހެންކަމުން، މި ބަދަލާއެކު އެ ރަށް ދެން އޮންނާނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގަ އެވެ.

ފަތުރުވެރިކަމަށް ހާއްސަކޮށްގެން ސަވާހިލި ތަރައްގީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ނިންމީ 18 ފެބްރުއަރީ 2021 ގައެވެ. އޭގެ ފަހުން އެކަން ދިގުލައިގެން ދިއުމަށް ފަހު، 14 ފެބްރުއަރީ 2024 ގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި ސަވާހިލީގައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރި ހިންގަން އިއުލާންކުރަން ނިންމި އެވެ. އަދި އޭގެ ފަހުން، އޭޕްރީލް 2025 ގައި އެ ރަށުގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަނެއް ތަރައްގީކޮށް، ހިންގައި މެނޭޖުކުރާނެ ބަޔަކު ހޯދުމަށްވެސް ކައުންސިލުން އިއުލާންކުރި އެވެ.