ދުނިޔޭގެ ފުއްޕާމޭގެ ކެންސަރު ދުވަހާ (އޯގަސްޓް 1) ގުޅިގެން މެޑަންތާ ހޮސްޕިޓަލުގެ ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރު (އޮންކޮލޮޖިސްޓް) ޑރ. އަންކުރް ނަންދަން ވަރުޝްނޭ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވެސް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮތް ގޮތާއި އޭގެ ސަބަބުތައް ހާމަ ކުރައްވައިފި އެވެ.

ޑރ. ވަރުޝްނޭ ފާހަގަކުރެއްވި ގޮތުގައި ފުއްޕާމޭގެ ކެންސަރާ މެދު އާންމުންގެ މެދުގައި އޮތް އެންމެ ބޮޑު ކުށްހީއަކީ އެއީ ހަމައެކަނި ސިނގިރޭޓް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެކަނި ޖެހޭ ބައްޔެއް ކަމަށް ގަބޫލު ކުރުމެވެ.

ދުންފަތަކީ މި ބަލީގެ އެންމެ ބޮޑު ސަބަބު ކަމުގައިވީ ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ދުވަހަކުވެސް ނުކުރާ މީހުންނަށް މި ބަލި ޖެހިގެން ފަރުވާދޭންޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ނުރައްކާވާ ސަބަބު

ތައްޑޮކްޓަރު ބަޔާން ކުރެއްވި ގޮތުގައި ސިގަރޭޓް ނުބޯ މީހުންގެ ފުއްޕާމެޔަށް ކެންސަރު ޖެހުމަށް މަގުފަހިކުރާ މުހިންމު ސަބަބުތަކުގެ ތެރޭގައި:

  • ތަގައްޔަރުވެފައިވާ ވައި: ގިނަ ދުވަސްތަކެއް ވަންދެން ނުސާފު ވައިގެ ތެރޭގައި އުޅެންޖެހުން.
  • ސެކަންޑް-ހޭންޑް ސްމޯކް: އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމަށް ހުށަހެޅުން.
  • ގޭތެރޭގެ ދުން: ވައި ދައުރުކުރުން ކުޑަ ބަދިގެތަކުގައި ކައްކާއިރު އުފެދޭ ދުމަށް ހުށަހެޅުން.
  • ނުރައްކާތެރި މާއްދާތައް: މަސައްކަތުގެ މާހައުލުންނާއި ތިމާވެށިން ދިމާވާ ރޭޑޯން ގޭސް އަދި އެހެނިހެން ކެމިކަލްތައް.
  • ޖެނެޓިކް ސަބަބުތައް: އާއިލީ ގޮތުން ނުވަތަ ޖީންސްއަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުން.

ސަމާލުވާންޖެހޭ އަލާމާތްތައް

ފުއްޕާމޭގެ ކެންސަރުގެ ފުރަތަމަ މަރުހަލާގައި އަލާމާތްތައް ފެންނަނީ އާދައިގެ ނޭވާ ލުމުގެ ނިޒާމުގެ ބަލިތަކާ އެއްގޮތަށެވެ. އެހެންކަމުން ކެއްސުމާއި ނޭވާ ކުރުވުން ފަދަ އަލާމާތްތައް ގިނަ ދުވަސް ވަންދެން ދެމިގެންދާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކެވުމަށް ޑރ. ވަރުޝްނޭ އިރުޝާދު ދެއްވަ އެވެ.

އަވަހަށް ދެނެގަތުމުގެ މުހިންމުކަން

ޑރ. ވަރުޝްނޭ ވިދާޅުވީ، ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. ލޯ-ޑޯޒް ސީޓީ ސުކޭންތަކާއި މޮލެކިއުލާ ޓެސްޓުތަކުގެ އެހީގައި، އަވަސް މަރުހަލާއެއްގައި ބަލި ދެނެގަނެވިއްޖެނަމަ ޓާގެޓެޑް ތެރަޕީ އާއި އިމިއުނޯތެރަޕީ ފަދަ ޒަމާނީ ފަރުވާތައް ބޭނުން ކޮށްގެން ބަލިން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދެ އެވެ.

އެހެންކަމުން، ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަށް ބަލައި ދިގުލައިގެންދާ ކެއްސުމަކަށް އަމިއްލައަށް ބޭސް ކުރުމުގެ ބަދަލުގައި، ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ ދިރިއުޅުން ސަލާމަތް ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.