ހެނދުނުގެ ނާސްތާއަށް ތާޒާ އޮރެންޖް ޖޫހާއި ބްރައުން ބްރެޑާއި އޯޓްސްއާއި ބްރައުން ބުރެޑް އަދި ހަކުރުގެ ބަދަލުގައި މާމުއި ބޭނުން ކުރުމަކީ ދުވަސް ފަށަން އެންމެ ރަނގަޅު އަދި ސިއްހަތަށް ފައިދާހުރި ގޮތް ކަމަށް ގިނަ ބަޔަކަށް ހީވެ އެވެ.

އެހެން ނަމަވެސް، ސިއްހީ ގޮތުން ފައިދާހުރި ކަމެއް ކަމަށް ބެލެވޭ މިފަދަ ކެއުންތަކުގެ ސަބަބުން ލޭގެ ހަކުރު މައްޗަށް ދާކަން އެނގޭ ހެއްޔެވެ؟

މެޓަބޮލިކް މެޑަސިން އަދި ޑައިބީޓީސް ރިވާސަލްގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ގަގަންދީޕް ސިންގް ވިދާޅުވާ ގޮތުގައި، އަހަރެމެންގެ ތެރެއިން ގިނަ މީހުން "ސިއްހީ ކާނާ" މާނަ ކުރަނީ މީގެ އަހަރުތަކެއް ކުރިނަ ލިޔެފައިވާ އުސޫލު ތަކަކަށެވެ.

އެގޮތުން ސަރުބީއަށް ބިރުގަނެ، ހަކުރަކީ ގެއްލުމެއް ނެތް އެއްޗެއް ކަމަށް ދެކެ އެވެ. ޕެކެޓްތަކުގައި ލިޔެފައިވާ އެއްޗެއް ނުބަލާ، ހަށިގަނޑަށް ލިބޭ ގުލޫކޯޒް ދެނެގަނެ އެވެ.

މިސާލަކަށް، އޮރެންޖު ޖޫސް ބޯއިރު، އޭގައި ހުންނަ ފައިބާ ބޭރުވެ، ހަކުރު ހަށިގަނޑަށް އަވަހަށް ހަޖަމު ވެގެންދަނީ ސޮފްޓް ބުއިމެއް ބޯ ފަދައިންނެވެ. ނަމަވެސް މުޅި އޮރެންޖު ކާނަމަ އެ ކަން ބަދަލުވެ އެވެ.

ހަމައެެގޮތަށް ބްރައުން ބްރެޑް ނުވަތަ މަލްޓިގްރެއިން ބްރެޑަކީވެސް ފުށް ތުނިކޮށް މުޑުވާފައި ހުންނަ އެއްޗަކަށް ވާތީ ހުދު ޕާނެކޭ އެއްފަދައިން ލޭގެ ހަކުރު އަވަހަށް މައްޗަށް އަރުވަ އެވެ.

އޯޓްސް، އަދި ކޯންފްލެކްސް ފަދަ ސީރިއަލް އެކަނި ކެއުމުން ވެސް ހަކުރު އަވަހަށް މައްޗަށް ގޮސް، ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން ބަނޑުހައިވާ ގޮތްވެ އެވެ.

މާމުއާއި ކަދުރުފަދަ ތަކެއްޗަކީ ގުދުރަތީ އެއްޗެހި ކަމަށް ވީ ނަމަވެސް، ހަށިގަނޑަށް އެ ތަކެތިން ކުރަނީ ހަކުރުން ކުރާ ފަދަ އަސަރެކެވެ.

ސަރުބީ މަދު ބާވަތްތަކަކީ މާ ރަނގަޅު އެއްޗެހި ކަމަށް ހީވި ނަމަވެސް، ސަރުބީ ކަނޑާލުމުން ރަހަ މީރު ކުރުމަށްޓަކައި އޭގެ ބަދަލުގައި ހަކުރާއި ސްޓާޗް އެކުލަވާލާފައި ހުރެ އެވެ.

ޑޮކްޓަރު ވިދާޅުވާ ގޮތުގައި މައިގަނޑު ގޮތެއްގައި ބަލަންޖެހޭނީ އަވަހަށް ހަޖަމުވާ ކާނާތައް މަދުކޮށް، ކެއުމުގެ ތެރެއަށް ޕްރޮޓީން، ތަރުކާރީ އަދި ސިއްހަތަށް ފައިދާހުރި ސަރުބީ ރަނގަޅު މިންވަރަކަށް ހިމެނުމަށެވެ.