ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އެމެރިކާގައި ބޭއްވި ކޮންސެޓެއްގައި އޭނާގެ ހުނަރުވެރިކަން އަނެއްކާވެސް ސާބިތު ކޮށްދީފި އެވެ.

އެގޮތުން ސޯނޫ ވަނީ ޝާހްރުކް ހާންގެ ފިލްމު "ޑޮން"ގެ މަޝްހޫރު "އާޖް ކީ ރާތު" ލަވަ އަންހެން އަދި ފިރިހެން އަޑުން ކިޔައިދީގެން ބެލުންތެރިން ހައިރާން ކޮށްލާފަ އެވެ.

އެމެރިކާގައި ކުރިއަށްދިޔަ މި ކޮންސެޓްގެ ތެރެއިން، ސޯނޫ ވަނީ މި ލަވައިގެ އަސްލު ފިރިހެން ބައި ކިޔުމުގެ އިތުރުން، އަންހެން ލަވަކިޔުންތެރިޔާ އަލީޝާ ޗިނޯއީގެ އަޑު ދައްކުވައިދޭ ފަދަ ގޮތަކަށް އަންހެން އަޑުން ވެސް ވަރަށް ފުރިހަމައަށް މި ލަވަ ކިޔާފަ އެވެ.

އޭނާގެ މި ހުނަރު ފެނިގެންދިޔަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.

ސޯނޫއަކީ އޭނާގެ އަޑުގެ މުއްސަނދިކަމާއި، ކޮންމެ ކަހަލަ ލަވައެއްވެސް ވަރަށް ފަސޭހަކަމާއެކު ކިޔުމުގެ ގާބިލުކަން ލިބިފައިވާ ފަންނާނެއްކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އޭނާގެ ސަޕޯޓަރުން އަބަދުވެސް ފާހަގަކުރެ އެވެ.

މިފަދަ ތަފާތު ހުށަހެޅުންތަކާއެކު އޭނާގެ ލައިވް ޝޯތައް ވެގެން ދަނީ ބެލުންތެރިންގެ މެދުގައި އަބަދުވެސް ވަރަށް ފޯރިގަދަ ޝައުގުވެރި ޝޯތަކަށެވެ.