ހިތުގެ ބަލިތަކުން ރައްކާތެރިވުމަށާއި ހަށިގަނޑުގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަށްޓަކައި ކެއިންބުއިމުގައި ހޯލް ގްރެއިންސް ނުވަތަ ސާފު ނުކުރާ ގޮވާމުގެ ބާވަތްތައް ހިމެނުން އިތުރުކުރަންޖެހޭ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
"ޔޫރަޕިއަން ހާޓް ޖާނަލް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ދުވާލަކު 90 ގްރާމްއާ ހަމައަށް ހޯލް ގްރެއިންސްގެ ބާވަތްތައް ކެއުމުން ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ.
ގަވާއިދުން ހޯލް ގްރެއިންސް ކާ މީހުންގެ ހަށިގަނޑުގެ ބަރުދަނާއި، ބަނޑުގެ ވަށަމިނާއި، ލޭގެ ޕްރެޝަރު އަދި ލޭގައި ހުންނަ ކޮލެސްޓްރޯލް އާއި ގުލްކޯޒްގެ މިންވަރު ދަށް ކޮށްދޭކަން މި ދިރާސާއިން ދައްކާފައިވެ އެވެ.
މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 6,500 އަށްވުރެ ގިނަ މީހުން ބައިވެރި ކޮށްގެން ހަދާފައިވާ ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާތައް އެއްކޮށްލައިގެން ވަނީ ދިރާސާ ކޮށްފަ އެވެ.
ދުވާލަކު 30 އާއި 40 ގްރާމާ ދެމެދުގެ މިންވަރަކަށް ހޯލް ގްރެއިންސް ބޭނުންކުރާ ނަމަވެސް ފައިދާ ފެންނަން ފަށާއިރު، އެންމެ ބޮޑު ފައިދާއެއް ލިބެނީ ދުވާލަކު 60 އާއި 100 ގްރާމާ ދެމެދުގެ މިންވަރަކަށް ނުވަތަ 4 އާއި 6 ސާވިންގްސްއާ ދެމެދުގެ އަދަދަކަށް ބޭނުން ކުރުމުންނެވެ.
ކެއުމުގެ ތެރޭގައި މިފަދަ ބާވަތްތައް ހިމެނުމަށްޓަކައި ހެނދުނުގެ ނާސްތާއަށް ބޯތަށްޓެއްގެ އޯޓްމީލް ބޭނުން ކުރުމާއި، ބްރައުން ބްރެޑް ބޭނުންކޮށްގެން ސޭންޑްވިޗް ތައްޔާރު ކުރުމުގެ އިތުރުން މުށި ހަނޑޫ ފަދަ ބާވަތްތައް ހިމެނިދާނެ އެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ހޯލް ގްރެއިންސްގެ ސަބަބުން ހިތުގެ ސިއްހަތަށް ލިބޭ ފައިދާތައް އަންނަނީ ލޭގެ ޕްރެޝަރާއި، ހަކުރު ކޮންޓްރޯލް ކުރުމާއި އަދި ދުޅަވުން ފަދަ ކުދިކުދި އެކި ކަންކަން އެކުގައި ރަނގަޅު ވެގެންނެވެ.
އާންމުކޮށް ގިނަ ގައުމުތަކުގެ ކެއުމުގެ ގައިޑްލައިންތަކުގައި ލަފާދޭ މިންވަރަށްވުރެ އިތުރަށް ހޯލް ގްރެއިންސް ބޭނުން ކުރުމަކީ ހިތުގެ ސިއްހަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެކެވެ.
ޕްރޮސެސް ކޮށްފައި ހުންނަ ކާނާގެ ބަދަލުގައި، ސާދާ އަދި ވީހާވެސް މަދުން ޕްރޮސެސް ކޮށްފައި ހުންނަ ހޯލް ގްރެއިންސްގެ ބާވަތްތައް އިހްތިޔާރުކު ރުމަށް ސިއްހީ މާހިރުން ބާރުއަޅަ އެވެ.
ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުން ރާއްޖެއާ މެދު ކަންބޮޑުވޭ: ނަޝީދު
އިޒްރޭލަށް ތާއީދު ކުރުމުން އެޑް ޝީރަން ބޮއިކޮޓް ކުރަން ފަށައިފި
މައްކާއަށް އަމާޒުކުރި ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި