އިދިކޮޅު އެމްޑީޕީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އިއުލާންކުރައްވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު ހާމަކުރެއްވީ "އަވަސް" ނޫހުން ގެނެސްދޭ "ޝަމްހީދު އާއެކު" ޕޮޑްކާސްޓުގެ ޓްރެއިލާ ވީޑިއޯ މެދުވެރިކޮށެވެ. މިއީ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އެ ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ހަމައެކަނި ވައުދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިންމެވުން އިއުލާންކުރެއްވީ އެ ނޫހުގެ ޕޮޑްކާސްޓް މެދުވެރިކޮށް ދެއްވި ހާއްސަ މެސެޖެއްގައެވެ. އެ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު ބުރާސްފަތި ދުވަހު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސިޔާސީ މައިދާނަށް ޝަމްހީދު އެންމެ ފުރަތަމަ ނުކުމެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން އޭނާ ކުރެއްވި އެވެ. އޭގެ ފަހުން ނޮވެމްބަރު 2013 ގައި އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވާސިޓީން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަކުރައްވާފައިވާ ޝަމްހީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވީ ނަމަވެސް، ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.