މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިހުމާލު އެބައޮތް ކަމަށާއި އެކަމަނާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ މިނިސްޓަރު މާރިޔާ އަށް އެފަދަ މައުލޫމާތެއް ލިބި އެ ކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ، ރައީސް ނަޝީދު އަށް ހަމަލާ އެއް ދެވުނު ކަމީ އެކަމަނާގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

" މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މި ފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށެވެ.

ތިން މިލިއަން ޑޮލަރު ހުށަހަޅައިގެން މި ފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މައުލޫމާތު މަޖިލިސް ގެ މެންބަރަކު މިނިސްޓަރު މާރިޔާ އަށް ފޯރުކޮށް ދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ އެކަމަނާގެ ގާނޫނީ ޒިންމާ އެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އެ މެމްބަރު އެ މައުލޫމާތު ހިއްސާ ކުރެއްވުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެކަން އެންގެވުމަށް އެ މެމްބަރަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރެއް ކަމެއް މާރިޔާ ވިދާޅެއް ނުވެ އެވެ.

"މެންބަރަކު އަޅުގަނޑަށް ގުޅުއްވި، ވިދާޅުވީ ރައީސް ނަޝީދަށް ބަޔަކު 3 މިލިއަން ޑޮލަރު ދީގެން ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކައެއް އަޑުއެހީމޭ، މާރީ ރައީސަށް ބައްލަވައްޗޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ތިކަން ބަލަމުން ދާނަމޭ، ތިކަމަކީ ޖިނާއީ ކަމަކަށްވާތީ މެންބަރުވެސް ތިވާހަކަ ސީޕީއަށް އަންގަވައްޗޭ، އަދި ތިކަހަލަ ވާހަކައެއް އަޑުއިވުނުކަން ރައީސް ނަޝީދަށްވެސް ދަންނަވައްޗޭ، އެހެން ބުނުމުން މެންބަރު ވިދާޅުވީ މާރީ އަންގާލާށޭ، އެހިސާބުންވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން ފުލުހުންނަށްވެސް އޭގައި ހިމެނޭ ޖިނާއީ ބައި މެންބަރު އަންގަވަން،" ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވި އެވެ.