އެގްރޯނެޓަށް 2023 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.50 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، އަހަރު ނިމުނުއިރު އެ ކުންފުންޏަށް 34.5 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނުކަން އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރު ކަސްޓަމަރުންނާއެކު ހެދި ކޮންޓްރެކްޓްތަކުން އެގްރޯނެޓަށް 5.59 މިލިއަން ރުފިޔާ ލިބުނުއިރު، 2023 ގައި އެ އަދަދު ވަނީ 5.66 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ނަމަވެސް މުދާ ހޯދުމަށް ކުރި ހަރަދުތައް ކެނޑުމުން 2023 ގައި ފައިދާގެ ގޮތުގައި ލިބުނީ 1.05 މިލިއަން ރުފިޔާ އެވެ.

އެގްރޯނެޓަށް ހިލޭ އެހީގެ ގޮތުގައި 2022 ގައި 1.41 މިލިއަން ރުފިޔާ ލިބުނުއިރު 2023 ގައި 2.50 މިލިއަން ރުފިޔާ ލިބިފައިވާކަމާއި، އެހެނިހެން އާމްދަނީގެ ގޮތުގައި 151،598 ރުފިޔާ ލިބުނުކަން މާލީ ހިސާބުތަކުން ދައްކަ އެވެ.

އެއާ ހިލާފަށް ކުންފުނީގެ އިދާރީ ހަރަދުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން 2022ގައި އިދާރީ ހަރަދަށް 28.3 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، 2023 ގައި އެ އަދަދު ވަނީ 35.0 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އިދާރީ ހަރަދުގެ ތެރެއިން އެންމެ ބޮޑު ބަޔެއް މުވައްޒަފުންނަށް ހޭދަވި އިރު، 2022 ގައި މުވައްޒަފުންނަށް ކުރި 18.1 މިލިއަން ރުފިޔާގެ ހަރަދު، 2023 ގައި ވަނީ 22.4 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މުވައްޒަފުންގެ ހަރަދުތަކުގެ ތެރެއިން 2023 ގައި މުސާރައަށް 9.89 މިލިއަން ރުފިޔާ އަދި އެލަވަންސްތަކަށް 10.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ 2022 ގައި މުސާރައަށް ހޭދަކުރި 8.11 މިލިއަން ރުފިޔާއާއި އެލަވަންސަށް ދިޔަ 7.86 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ބޮޑު އިތުރުވުމެކެވެ. މިއާއެކު ކުންފުނީގެ ހިންގުމުގެ ހަރަދުން ލިބުނު ގެއްލުން 26.9 މިލިއަނުން 31.6 މިލިއަނަށް މައްޗަށް ގޮސް، ޖުމްލަ ގެއްލުން ވަނީ 28.7 މިލިއަނުން 34.5 މިލިއަން ރުފިޔާއަށް ބޮޑުވެފަ އެވެ.

ދަނޑުވެރިންނާއެކު މުދާ ގަތުމުގެ އެއްބަސްވުންތައް ހަދައިގެން ދަނޑުވެރިކަން ތަރައްގީކުރުމަށް 2020 ގައި އުފެއްދި އެގްރޯނެޓަކީ، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރުމަށްޓަކައި 2024 ސެޕްޓެމްބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުވާލަން ނިންމެވި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު ކެބިނެޓުން ވަނީ އެ ކުންފުނީގެ މަސައްކަތްތައް އަލުން ފަށައިފަ އެވެ.