ގިނަ ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް އިތުރު 1،007 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 793 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 183 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 26 އަދި ސަފާރީއަކުން ފަސް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ ކޭސްތަކުގެ ތެރެއިން 821 ކޭސް އަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުގެ ނަތީޖާ އެވެ. ދެން ހުރީ އޭގެ ކުރިން އެކި ދުވަހު ނެގި ސާމްޕަލްތަކެކެވެ.

މި ބަލި ޖެހިފައިވާ 260 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 94 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާތީ ގދ. ތިނަދޫ، ފ. ނިލަންދޫ، ފ. ފީއަލި، ހއ. ދިއްދޫ، ލ. ގަން، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.