ހަނދަކީ އެމެރިކާގެ މިލްކިއްޔާތެއް ކަމަށް ދޭހަވާ މޭރުމަކުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، އެ ގައުމުގެ ޖައްވީ ސިފައިންނަށް ހާއްސަ އާ ޔުނިފޯމެއްގެ ޑިޒައިން ދައްކާލައްވައިފި އެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތު ސޯޝަލް" މެދުވެރިކުރައްވައި އާދީއްތަ ދުވަހު އާންމުކުރެއްވި މި ޕޯސްޓުގައި ވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ހަނދުގެ މަންޒަރެކެވެ. އެ ފޮޓޯއިން ފެންނަނީ ހަނދުގެ ކުރިމަތީގައި އެމެރިކާގެ ދިދަ ވިހުރޭ މަންޒަރެވެ. މި ތަސްވީރާ އެކު އެއްވެސް އިތުރު ތަފުސީލެއް ހާމަނުކުރައްވައި ޓްރަމްޕް ލިޔުއްވާފައިވަނީ "ހަނދަކީ އަހަރެމެންގެ ތަނެއް" ކަމަށެވެ.

މި ޕޯސްޓުގެ ކުޑައިރުކޮޅެއް ކުރިން ޓްރަމްޕް ވަނީ އެމެރިކާގެ ޖައްވީ ސިފައިން ނުވަތަ "ސްޕޭސް ފޯސް" އަށް ހާއްސަކޮށް، އޭއައި މެދުވެރިކޮށް ފަރުމާކޮށްފައިވާ އާ ކަޅު ޔުނިފޯމެއްގެ ތަސްވީރުތައް ވެސް އާންމުކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި ޔުނިފޯމްތަކުގައި ހިމެނެނީ ސްޕޭސް ގްރޭ، މިޑްނައިޓް ބްލެކް، ސިލްވަ ގްރޭ އަދި ސެޓިން ބްލެކް ކުލަތަކެވެ.

މި ޔުނިފޯމްތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ގިނަ ބަޔަކު ސިފަކުރި ގޮތުގައި މި ޔުނިފޯމްތައް ވައްތަރީ މަޝްހޫރު ފިލްމު "ސްޓާ ވޯޒް" އިން ފެންނަ ސިފައިންގެ ހެދުންތަކާ އެވެ. މީގެ އިތުރުން ޖައްވީ ދާއިރާގެ މާހިރުން ބިނާކުރުމަށްޓަކައި "ޔުނައިޓެޑް ސްޓޭޓްސް ސްޕޭސް އެކަޑެމީ" އެއް ގާއިމުކުރުމުގެ ރަސްމީ ގަރާރެއްގައި ޓްރަމްޕް ވަނީ މިދިޔަ މަހުގެ ފަހުކޮޅު ސޮއިކުރައްވައިފަ އެވެ.

ހަނދުގެ މިލްކުވެރިކަމާ މެދު ޓްރަމްޕް ވާހަކަދެއްކެވި އިރު، މީގެ ކުރިން ވެސް އެކި ތަންތަނުގެ ބޯޑަރުތަކާއި ނަންތައް ބަދަލުކުރުމުގެ ވާހަކަތައް އޭނާ ވަނީ ދައްކަވައިފަ އެވެ. އެގޮތުން އެމެރިކާގެ ޗާޓަކަށް ބަދަލު ގެންނަވައި، "ނިއު މެކްސިކޯ" ސްޓޭޓްގެ ނަމުން "މެކްސިކޯ" އުނިކުރުމަށްފަހު "ނިއު އެމެރިކާ" އަށް ބަދަލުކުރުމަކީ މާ ޝަރަފުވެރި އަދި ރީތި ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް ބުނެ، އެތަނަށް "ޓްރަމްޕް ސްޓްރެއިޓް" ކިޔަން ފެނޭތޯ ސުވާލު އުފެއްދެވުމުގެ އިތުރުން، "ލޭކް އޮންޓޭރިއޯ" އަށް "ލޭކް އެމެރިކާ" ގެ ނަމުން މުހާތަބުކުރުމަށް ވެސް މީގެ ކުރިން އަމުރުކުރައްވާފައިވެ އެވެ.

ހަނދަކީ އެމެރިކާގެ ތަނެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތައް އޮންނަ ގޮތުން އެއްވެސް ގައުމަކަށް ހަނދުގެ މިލްކުވެރިކަން ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެމެރިކާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކަކުން 1967 ގައި ސޮއިކޮށްފައިވާ "އައުޓަ ސްޕޭސް ޓްރީޓީ" (ބޭރު ފަޒާގެ މުއާހަދާ) ބަޔާންކުރާ ގޮތުގައި، ހަނދާއި ޖައްވުގައިވާ އެހެނިހެން ޕްލެނެޓްތަކަކީ ވަކި ގައުމެއްގެ ސިޔާދަތީ ބާރު ހިނގާނެ ނުވަތަ މިލްކުކުރެވޭނެ ތަންތަނެއް ނޫނެވެ.