ޒަމާނުއްސުރެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ދަޅު ކޮށްފައިވާ ކަނޑު މަހުގެ އުފެއްދުންތައް މި ފަހަކަށް އައިސް އާދަޔާހިލާފަށް މަގުބޫލު ވަމުން އެބަދެ އެވެ.
ހާއްސަކޮށް ޒުވާން ޖީލު (ޖެން ޒީ)ގެ މެދުގައި މުޅިން އާ ފޯރިއަކާއެކު މި އުފެއްދުންތައް ޓްރެންޑް ވަމުން އަންނައިރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މިފަދަ މަހުގެ ބާވަތްތައް ބޭނުން ކޮށްގެން ތައްޔާރުކުރާ ތަފާތު ކެއުންތައް ދަނީ ވައިރަލް ވަމުންނެވެ.
މިއީ ހަމައެކަނި ފަސޭހަ ކެއުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، ސިއްހީ ގޮތުން ވެސް ފައިދާހުރި މުއްސަނދި ކާނާއެއްގެ ގޮތުގައި މިހާރު ވަނީ ވެފަ އެވެ.
ޞިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރާގޮތުގައި ދަޅު މަހުގެ ބާވަތްތަކުގައި، ހާއްސަކޮށް ސާޑިން އަދި ސެލްމަން ފަދަ މަހުގައި ހަށިގަނޑަށް ނުހަނު ބޭނުންވާ "އޮމޭގާ-3" (Omega-3) ފެޓީ އެސިޑް ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ.
އޮމޭގާ-3 އަކީ ހިތުގެ ދުޅަހެޔޮކަމަށް، ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމަށް އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މާއްދާ އެކެވެ.
މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން، ވިޓަމިން ޑީ، އަދި ކެލްސިއަމް ވެސް މިފަދަ ދަޅުތަކުން ފަސޭހަ ކަމާއެކު ލިބިގެންދެ އެވެ.
ހަމައެއާއެކު މި އުފެއްދުންތަކުގެ މަގުބޫލުކަން އިތުރު ވެފައިވާ އަނެއް ސަބަބަކީ އެ އުފެއްދުންތަކުގެ ޕެކޭޖިން އެވެ. އެކި ކުލަ ކުލައިގެ ޑިޒައިންތަކާއި ކުރެހުންތަކުގެ ސަބަބުން ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަނެ އެވެ.
ޒުވާނުންގެ މެދުގައި މިކަމަށް އޮތް ޝައުގުވެރިކަން އިތުރުވެފައިވަނީ މައިގަނޑު ތިން ސަބަބަކާ ހުރެ އެވެ:
- އަގުހެޔޮވުމާއި ފަސޭހަކަން: މިއަދުގެ އިގްތިސާދީ ހާލަތުގައި އަގުބޮޑު ކާނާ ހޯދުމުގެ ބަދަލުގައި، ފަސޭހައިން ލިބެން ހުންނަ އަދި ގިނަ ދުވަހު ހަލާކުނުވެ ހުންނަ މިފަދަ ތަކެއްޗަށް ޒުވާނުން ބަރޯސާވާން ވަނީ ފަށާފަ އެވެ.
- ސިއްހީ އަދި ރީތިވުމުގެ ފައިދާތައް: އޮމޭގާ-3 އަދި ޕްރޮޓީންގެ ސަބަބުން ހަމުގެ ރީތިކަމާއި ހަށިގަނޑުގެ ވަރުގަދަ ކަމަށް ލިބޭ ކުރިއެރުންތަކަށް ޒުވާނުން ވަރަށް ބޮޑަށް ސަމާލުކަންދެ އެވެ.
- ސޯޝަލް މީޑިއާގެ ޓްރެންޑްތައް: ޓިކްޓޮކް އަދި އިންސްޓަގްރާމްގައި ޓިން ފިޝް ޕާޓީތަކާއި، ތަފާތު ގޮތްގޮތަށް ޑިޒައިން ކޮށްގެން ކައިބައިއުޅޭ "ސެކިއުޓަރީ" ބޯޑުތައް އާންމު ވުމުން، މިއީ މިހާރު އާންމު ޓްރެންޑް އަކަ ށްވެސް ވެފައިވެ އެވެ.
ނަމަވެސް، މާހިރުން އިންޒާރުދޭ ގޮތުގައި ކޮންމެ އެއްޗެއް ވެސް މާ ގިނައިން ބޭނުން ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ސިއްހީ ގޮތުން އެންމެ ފުރިހަމަ ފައިދާ ލިބޭނީ ހަފްތާއަކު ދެތިން ފަހަރު، އެހެނިހެން ކާނާއާއެކު މިފަދަ އުފެއްދުންތައް ބޭނުން ކޮށްގެންނެވެ.
ހޫތީން ރަތްކަނޑުގެ މުހިންމު ބަނދަރެއް ހިފައިފި
އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް ތެޔޮ ބޯޓެއް އުރިއްޖެ